ޓޫރިޒަމްގެ މުވައްޒަފަކު ކުރާ ތުހުމަތުތައް ބަލަނީ

ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މުވައްޒަފުންނަށް ފުރައްސާރަކޮށް ބިރު ދައްކާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީން އިއްޔެ އިސްތިއުފާ ދިން އަންހެން މުވައްޒަފު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ތުހުމަތުކޮށްފައި ހުރި މައްސަލަތައް އާއްމު ކޮމެޓީން ބެއްލެވުމަށް ނަޝީދު އަންގަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިސްތިއުފާ ދެއްވި ސީނިއާ ޕްލޭނިން އޮފިސަރެއްގެ މަގާމުގައި ހުންނެވި ފާތިމަތު ޝަރުމާ އެމަނިކުފާނަށް ފޮނުއްވި ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީ ދިރާސާކުރަން އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

“[ޓޫރިޒަމް މިނިސްޓްރީން އިސްތިއުފާ ދިން މުވައްޒަފު] ގެ މި ސިޓީ ދިރާސާކުރަން އާންމު ކޮމިޓީއަށް ފޮނުވާނަން، އާންމު ކޮމިޓީން ދެން އިތުރަށް އެ ސިޓީ ގުޅޭ ގޮތުން ކުރިއަށް ގެންދަވާނެ ގޮތް ނިންމަވާނީ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުން ފުރައްސާރަކުރާ ކަމަށް ތުހުމަތުކޮށް މުވައްޒަފަކު އިސްތިއުފާ ދިންއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިގެން ކުރީގެ މިނިސްޓަރު އަލީ ވަހީދު އާއި، ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވަނީ ވަކިކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެހެން މުވައްޒަފުން ވެސް މަސައްކަތް ކުރަމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެހެންވެ މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދޭން ސިޓީގައި ޝަރުމާ އެދިފައިވެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތަށް އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކޮށް އޭނާގެ މައްޗަށް މިހާރު ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ. އަދި ރާއްޖޭން ބޭރަށް ފުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!