ބޯޑަރު ހުޅުވުމަށް އިމިގްރޭޝަން އޮފިސަރުންނަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ބުދަދުވަހު ބޯޑަރު ހުޅުވަން ތައްޔާރުވާއިރު، އެކަމުގައި ހަރަކާތްތެރިވާ މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނަށް އަމާޒުކޮށްގެން މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން ބައްދަލުވެ މަސައްކަތްކުރާނެ އެއްބަޔަކީ މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނެވެ.

އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމުގައި ކޯވިޑް19ގެ ހާލަތުގައި އެއަރޕޯޓްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ވަނީ ދީފައެވެ. މިބައްދަލުވުމުގައި މައުލޫމާތު ހިއްސާކޮށްފައި ވަނީ އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލްއެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކިޔައިދީފައިވަނީ، ބޯޑަރު ހުޅުވާލާއިރު ރައްކާތެރިވުމަށް އިމިގްރޭޝަންގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކޯވިޑް19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ގައިޑްލައިންއާއި ގުޅޭގޮތުންނެވެ. މީގެއިތުރުންވެސް އިމިގްރޭޝަންގެ މުވައްޒަފުންގެ މެދުގައި ކޯވިޑް19 އާއިމެދު އުފެދިފައިވާ ސުވާލުތަކަށް ޑރ. އަފްޒަލް ވަނީ ޖަވާބު ދެއްވާފައެވެ. މި ސެޝަންގައި އިމިގްރޭޝަންގެ ގިނަ އަދަދެއްގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!