މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން އިންޕޯޓްކުރީ އެކި ބާވަތުގެ މެޝިނަރީޒްއާއި އިލެކްޓްރޯނިކް ސާމާނުކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު 408 މިލިއަން ރުފިޔާގެ މެޝިނަރީޒްއާއި އިލެކްޓްރިކް ސާމާނު ވަނީ އިމްޕޯޓްކޮށްފައެވެ. މެޝިނަރީޒްއާއި އިލެކްޓްރިކް ސާމާނަށްފަހު ދެން އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 293 މިލިއަން ރުފިޔާގެ ކާބޯތަކެތި ވަނީ އިމްޕޯޓްކޮށްފައެވެ. އެެހެން ބައެއް ބާވަތްތަކަށް ބަލާލާއިރު 210 މިލިއަން ރުފިޔާގެ ދަގަނޑު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާއިރު، 203 މިލިއަން ރުފިޔާގެ ތެޔޮ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. މިދިޔަމަހު އެންމެ މަދުން ރާއްޖެއަށް އިންޕޯޓްކޮށްފައިވަނީ ސިނގިރޭޓާއި ރަލުގެ ބާވަތްތަކެވެ. އެއީ 2 މިލިއަން ރުފިޔާގެ މުދަލެވެ.
އެކްސްޕޯޓްކުރި މުދަލުގެ ތަފްސީލަށް ބަލާލާއިރު، މުޅިންވެސް ހިމެނެނީ މަހުގެ ބާވަތްތަކެވެ. އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ކަޅުބިލަމަހެވެ. އެގޮތުން 43 ބިލިއަން ރުފިޔާގެ ކަޅުބިލަ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި 30 މިލިއަން ރުފިޔާގެ ގަނޑުކުރި ބޮޑު ކަންނެލި ވަނީ އެކްސްޕޯޓްކޮށްފައެވެ.