ހުރިހާ ރައްޔިތުން ވެސް މާސްކު އެޅުމަށް މަޖިލިސް ރައީސްގެ އާދޭހެއް

ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މާސްކު އަޅައިގެން އުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާދޭހާއެކު އެދިވަޑައިގެންފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ލޮކްޑައުން ކުރުމަށްފަހު ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދޭން ފަށާފައެވެ. އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެއާއެކު މިހާރު ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މައްޗަށްދާން ފަށާފައެވެ. އެގޮތުން މިހާރު ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ދިވެހިންގެ އަދަދު ހާހަކަށްވުރެ ވަނީ މަތިވެފައެވެ.

މިއަދުގެ ޖަލްސާގައި މެމްބަރުން ކައިރިކައިރީގައި ތިއްބަވާއިރު މާސްކު އަޅުއްވައިގެން ތިއްބެވުމަށް ބާރުއަޅުއްވަމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގެ ތެރޭގައި މެމްބަރުން މާސްކު ނާޅާ ތިބުމުން އާންމުންގެ ތެރޭގައި މާސްކު އަޅަންޖެހޭ ކަމަށް ދެކޭ މީހުން މަދުވާ ކަމަށެވެ.

މާލެ ލޮކްޑައުންގައި އޮތްއިރުވެސް މަޖިލީހުގެ ޖަލްސާތައް އިދާރާގައި ވަނީ ކުރިޔަށް ގެންދަވާފައެވެ. އެއީ މާސްކު އަޅުއްވައިގެން ވަކި ދުރުމިނެއްގައި މެމްބަރުން ތިއްބަވައިގެންނެވެ. މިހާރު ވެސް ޖަލްސާތައް ކުރިޔަށް ގެންދަނީ އެމޭރެމުންނެވެ. ނަމަވެސް ދުރުދުރުގައި ތިއްބަވާ މެމްބަރުންނަށް މާސްކު ނާޅުއްވާ ވާހަކަދެއްކެވުމުގެ ފުރުސަތު މިފަހުން އަންނަނީ ދެއްވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!