ދޮންކެޔޮ ބޭނުންކޮށްގެން މޫނު އުޖާލާ ކޮށްލަން ބޭނުންތަ؟

މޫނުގެ ހަންގަނޑު އޮމާންކޮށް، އުޖާލާކޮށް ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މިކަމަށްޓަކައި ފާޑުފާޑުގެ ކެމިކަލް އެކުލެވޭ ކްރީމްތަކާއި ފޭސް ވޮޝް ބޭނުންކުރުމުގެ ބަދަލުގައި، އެންމެ ރަނގަޅު ގޮތަކީ ޤުދުރަތީ ބާވްތަކުގެ ބޭނުން ހިފުމެވެ. މިފަހަރު މި ކިޔައިދެނީ، އެންމެ ތިން ބާވަތް ބޭނުންކޮށްގެން ގޭގައި ތައްޔާރު ކޮށްލެވިދާނެ ފަސޭހަ، މޮޅު ފޭސް މާސްކެކެވެ.

ބޭނުންވާ ތަކެތި

1 ވަށް ދޮންކެޔޮ

2 ސައިސަމުސާ މާމުއި

1 ސަމުސާ ފޮނިތޮށި (ހިމުންކޮށް މުގުރާފައި)

ތައްޔާރު ކުރާނެ ގޮތް

ދޮންކެޔޮ ނޮޅައިލުމަށްފަހު ތޮށިގަނޑު ވަކި ކޮށްލާފައި ބޯތަށްޓެއްގެ ތެރެއަށް ޗިސްކޮށްލާށެވެ. އަދި އޮލަ ޕޭސްޓެއް ހެދެންދެން ސަމުސަލަކުން ގަށާނީއެވެ. އެއަށްފަހު އޭގެތެރެއަށް މާމުއި އަދި ފޮނިތޮށި އަޅާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން އެހުރީ މޫނުގައި ހާކަން ތައްޔާރުވެފައެވެ. މޫނުގައި ހޭކުމަށްފަހު 10 މިނެޓު ވަންދެން ބަހައްޓަން ވާނެއެވެ. އެއަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.

ފައިދާތައް

ދޮންކޭލަކީ މޮއިސްޗަރައިޒާ އަކަށް އެންމެ ބަރާބަރު ޤުދުރަތީ އެކައްޗެވެ. މި މޭވާގައި އެކުލެވޭ ވިޓަމިން އޭގެ ސަބަބުން ކުރަކިވެފައި ހުންނަ ހަންގަނޑު އޮމާންކޮށްދެއެވެ. އަދި ޕޮޓޭސިއަމްގެ ސަބަބުން ހަންގަނޑު އެތެރެއިން ވެސް ހައިޑްރޭޓް ކޮށްދެއެވެ.

މާމުއި ކުޅެދޭ ރޯލަކީ، މޫނުގެ ހަންގަނޑުގައި ހުންނަ ބެކްޓީރިއާތައް ބެލެންސް ކޮށްދިނުމެވެ. މީގެ އިތުރުންވެސް، މާމުޔަކީ އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން މޫނު ހިރުވުމާއި ދިލަނެގުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ހަމައެހެންމެ، ބިހީގެ ލަކުނުތައް ވެސް ފިލުވައިދެއެވެ.

ފޮނިތޮށްޓަކީ އެންޓި-ބެކްޓީރިއަލް އަދި އެންޓި-އިންފްލެމޭޓަރީ މާއްދާތައް އެކުލެވޭ އެއްޗެކެވެ. މީގެ ސަބަބުން މޫނުގައި ބިހި ނެގުމުން ދުރުކޮށްދީ، އުމުރުން ދުވަސްވުމުގެ އަލާމާތްތަކުން ވެސް ދުރުކޮށްދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!