އައިޝްވާރިޔާއާއި އާއިލާއަށް އަވަސް ޝިފާއަކަށް ވިވެކް އެދިއްޖެ

މިދިޔަ ހަފްތާ ބަންދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް އަމީތާބު ބައްޗަން އިޢުލާނު ކުރުމާއެކު، އޭނާގެ ދަރިފުޅު އަބީޝޭކާއި، ޅީދަރިފުޅު އައިޝްވާރިޔާ އަދި ކާފަދަރި އަރާދްޔާ ބައްޗަންވެސް އެ ބައްޔަށް ޕޮޒިޓިވް ކަން މިހާރު ވަނީ ހާމަކޮށްފައެވެ. އެއާއެކު ބޮލީވުޑުގެ އެތައް ތަރިންނެއް ދަނީ އެ އާއިލާއަށް އަވަސް ޝިފާއެއް އެދި މީސްމީޑިއާގައި ޕޯސްޓު ހިއްސާކުރަމުންނެވެ.

އޭގެތެރެއިން ގިނަ ބަޔަކަށް އަޅައިގަތީ އެކްޓަރު ވިވެކް އޮބެރޯއީ ކޮށްފައިވާ ޓްވީޓެވެ. އައިޝްވާރިޔާއާއި ދަރިފުޅު އަރާދްޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން ހާމަކޮށް ‘ފިލްމްފެއާ’ ގެ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް ހިއްސާކުރަމުން ވިވެކް ބުނީ، އެ އާއިލާއަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރާ ކަމަށެވެ.

ގިނަ ބަޔަކަށް މިކަން ފާހަގަވެ، އިންޑިއާގެ ބައެއް މުނިފޫހިފިލުވުމުގެ ނޫސްތަކަށް މި ޙަބަރު އަރާފައި މިވަނީ، ވިވެކް އަކީ އައިޝްވާރިޔާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ ޙަބަރުތައް ފެތުރިފައި އޮތުމުންނެވެ. ބޮލީވުޑުގައި އެންމެ ނަން ހިނގާ އެއް އެކްޓަރު ކަމަށްވާ ސަލްމާން ޚާނާއި އައިޝްވާރިޔާ ރާއީ 2000 ގެ ކުރީކޮޅު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު، އެ ދޭތެރެއަށް ވަން މީހަކީ ވިވެކް ކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި ވިވެކް އާއި ސަލްމާން އާ ދެމެދު ޖެހުނު މައްސަލައެއްގައި ވިވެކް ވަނީ ބޮލީވުޑުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އަދި އަދަށް ވެސް ސަލްމާންއާއި ވިވެކް އަކީ ދެ ހަތުރުންނެވެ.

ކޮންމެއަކަސް، ވިވެކް ވަނީ އަމީތާބާއި އަބީޝޭކަށް ވެސް އަވަސް ޝިފާއަކަށް އެދި ޓްވީޓު ކޮށްފައެވެ. އަމީތާބާއި އަބީޝޭކް މިވަގުތު ދަނީ މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލުން ފަރުވާ ލިބިގަންނަމުން ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އައިޝްވާރިޔާއާއި އަރާދިޔާގެ ކިބައިގައި ކޮވިޑްގެ މާ ބޮޑު ޢަލާމާތެއް ނެތުމުން، ދެމައިން ތިބީ ގޭގައި ކަރަންޓީނު ކޮށްފައި ކަމަށް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!