ކަޅުވިލާ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާގުޅޭ)

އަހަރެންގެ ހަރަކާތަކަށް އޭނާ ސަމާލުކަމެއް ނުދިނެވެ. މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. އަހަރެން ޖެހިލުންވެ އިނދެ، އޭނާގެ ކޮނޑުގައި ބޯ އަޅާލައިފީމެވެ. އަދި އަހަރެން ލައިގެން އިން ކުރު ސްކާރޓް އަދިވެސް ބޮޑަށް ކޮށިކޮށްލުމަށްފަހު، އަހަރެންގެ އެއްފައި އޭނާގެ ފައިމައްޗަށް ވައްޓާލައިފީމެވެ. މި ފަހަރު އޭނާގެ ބަލައިލުން ކުރީ ފަހަރުގެ ބެލުމާ ވަރަށް ތަފާތެވެ. ކުއްލިއަކަށް އޭނާގެ އެއް އަތް ހުންގާނުން ދޫވެގެން އައިސް، އަހަރެންގެ ހަށިގަނޑު ވަށާލައިފިއެވެ. އެއިރު އަހަންނަށް އިނދެވުނީ، އޭނާގެ ހަށިގަނޑުގައި ޖެހި ފިތި ބާރުވެގެންނެވެ.

އޭނާ އެ ގެނައި ހަރަކާތް އަހަރެން ވެސް ގެންނަން ބޭނުންވެ، އެކަމަކު ދެ އަތުގައި ބިޑިއަޅުވާފައި އޮތުމުން، އެ ކަން ނުވެގެން އުޅޭގޮތް ދައްކާލައިފީމެވެ. އޭނާ ހަމަ އެ ވަގުތު ބުރަކިޖައްސައި ޖިޕު މަޑުކޮށްފިއެވެ. އަހަރެން އިނީ ބިޑިނައްޓުވައިލާނޭ އިރެއްގެ އިންތިޒާރުގައެވެ. އަހަރެން ހީކުރިވަރަށްވުރެ އޭނާ މާ ބޯ ރަނގަޅެވެ. ބިޑި ނައްޓުވާލައި ޚިޔާލެއް ނުކުރިއެވެ.

ޖަންގަލީގެ ގަސްތަކުގެ ބޯކަމުންނާއި، އިރު ވެސް އޮއްސެމުންދާތީއާއެކު، ޖަންގައްޔަށް އަންނަނީ އަނދިރިކަން ވެރިވަމުންނެވެ. ދޭތެރެދޭތެރެއިން ކޮންމެވެސް ޖަނަވާރެއް ހޭރިގަންނައަޑު އިވެއެވެ.

އެ މީހާ ފުރަތަމަ ވެސް އުޅުނީ ޝީޓުމަތީގައި އަހަރެން ބާއްވާށެވެ. ވަގުތުގެ ނާޒުކުކަމުން އަހަރެން އެއްވެސް ގަދައެއް ނުހަދަމެވެ. ދެ އަތް މައްޗަށް ދަމާލުމަށްފަހު، ރީތިކޮށް އޮށޯތީއެވެ. އެއިރު އަހަރެންގެ މޭ ތެޅޭވަރުން ހީވަނީ އެހެންކަމެއް ހެންނެވެ. އަހަރެން ހީކުރީ އޭނާ އެންމެ ފުރަތަމަ ވެސް އަހަރެންގެ އަތުން ބިޑި ނައްޓުވައިލާނީ ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ.

އަހަރެން އޮށޯތުމުން އެކަލޭގެ ބޮލުގައި އަޅާފައިއޮތް ތޮތްޕާއި، ލޮލުގައި އަޅާފައިވާ އައިނު ނަގައި ބޭއްވުމަށްފަހު، ވަގުތުން އަހަރެންގެ ގައިމަތީގައި އޮށޯތީއެވެ. އަހަރެންގެ ހަށިގަނޑަށް ހައެއްކަ ޓަނުގެ ބުރަދަން އެރިކަހަލައެވެ. ވީނުވީއެއް ނޭނގި އަހަރެންގެ މުޅި ގައިން ދާތިކިތައް ނިކުންނަން ފެށިއެވެ. ނޭވާލުމަށް ދަތިވިއެވެ. އަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރެން އުޅެނީބާވައޭ ހިތަށް އެރިއެވެ.

މި ވަގުތު ބިރުން އޮންނަން ހަދައިގެން ވަގުތު ފާއިތުވެދާނެތީ، ސިކުނޑިއަށް ބާރުލައިފައި ވިސްނަން ފެށީމެވެ. ރަނގަޅު ޚިޔާލަކަށް ވާނޭކަމުގެ އުއްމީދުގައި ކުރިއަށް ދަމާލައިފައި އޮތް ދެ އަތް މަޑުމަޑުން މައްޗަށް ނަގަންފަށައިފީމެވެ. އަދި އަތުގައި އަޅުވާފައި އޮތް ބިޑިން އެކަލޭގެ ބޮލުގައި ވަރުގަދަ އެތިފަހަރެއް ޖަހައިފީމެވެ. އަތަށް ލެވުނުހައި ބާރެއް ލާފައެވެ. ހަމައެއާއެކު، ބިރުވެރި އަޑަކުން އެކަލޭގެ ހޭރިގެންފައި، އޮތް ތަނަށް ދެމިއްޖެއެވެ. ބޮލުން ފައިބައިގަތް ލޭތައް އަހަރެންގެ ގައިމައްޗަށް އޮހިގެންފިއެވެ.

އަހަންނަކަށް ނޭވައިލާކަށް ފަސޭހައެއް ނޫނެވެ. އެހެންކަމުން ފައިންނާއި އަތުން ކޮއްޕާ ގޮތްގޮތް ހަދައިގަތުމުން، ޝީޓްގެ ދަށަށް އެކަލޭގެ ޖެހިއްޖެއެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ. އޭރު މުޅި ގައިގައި ހުރީ ހުސްލެޔެވެ. ބޯއަނބުރަން ފަށައިފިއެވެ. ނަމަވެސް މި ވަގުތު އެ ފަދަކަމަކަށް ސަމާލުކަން ދެވެން ނެތުމުން، އަހަރެން އަވަސްވެގަތީ އޭނާ ޖީބަށް ވައްޓާލި، ބިޑީގެ ތަޅުދަނޑި އަތުޖެހޭތޯއެވެ. އެކި ޖީބުތައް ވަކިވަކިން ހާވައިހެދި ހެދުމުގައި، ތަޅުދަނޑީގެ އިތުރުން ވަރަށް މުހިއްމު އެހެން ދެ އެއްޗެއް އަތުޖެހުނެވެ. އެއީ އާދައިގެ ފިސްތޯލައަކާއި އެހެން ތަޅުދަނޑިފައްޗެކެވެ. އަދި އޭނާގެ ޚާއްސަ ފާސް ވެސް އޮތެވެ.

އަހަރެން އެ ހުރިހައި ސާމާނުތައް ނެގުމަށްފަހު، އަނގައިގެ އެހީގައި އަތުގައި އަޅުވާފައިވާ ބިޑި ނައްޓުވާލައިފީމެވެ. އެއިރު ހިތާހިތުން އަޅުގަނޑުގެ ބައްޕައަށް ޝުކުރު އަދާކުރެވެމުން ދިޔައީ، ފިސްތޯލައާއި، ބަޑިފަދަ ތަކެތި ޖަހަން އަޅުގަނޑަށް ދަސްކޮށްދެއްވާފައި އޮތީތީއެވެ.

އަހަރެން އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ގޮތުގައި ދުއްވާލާކަށް ނުހަދަމެވެ. ޖިޕްގެ ދޮރުފަތް ހުޅުވާލުމަށްފަހު، ޖިޕުން ފައިބައި އެމީހާގެ ދެފައިގައި ހިފާދަމާ ނެރެ ބޭރަށް ވައްޓާލައިފީމެވެ. އެއިރު އަހަރެންގެ ހަތަރެސްފައި ރޫރޫއަޅާވަރުން ހީވަނީ އެހެން ކަމެއްހެންނެވެ. އެންމެ ބޮޑަށް ހާސްވަމުން ދިޔައީ އެކަލޭގެ ހެއި އަރައިގެން ތެދުވެ ހަމަލާ ދީފާނެތީއެވެ.

އެހެންވެ އަވަސް އަވަހަށް ލިބުނު ފިސްތޯލައިގެ ބޭނުން ހިފުމަށް ގަސްދުކޮށް، އެ އެތި ނަގައިފީމެވެ. އަދި އެކަލޭގެ ނިތްކުރީގައި ފިސްތޯލަ ޖެއްސުމަށްފަހު، ޗޭންޖުލިވަރަށް އޮބާލުމާއެކު، އެމީހާގެ ހަށިގަނޑަށް ކުޑަ ހަރަކާތެއް އަތުވެއްޖެއެވެ. ފިސްތޯލައަކުން އެއްވެސް އަޑެއްބަޑެއް ނީވުނެވެ. އަހަރެން ސިހުނެވެ. އެ މީހާ ހޭއެރީކަމަށް ހީކޮށެވެ. ފިސްތޯލާގައި އެންމެ ވަޒަނެއް ވެސް ނެތްކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި ފެނިގެން ދިޔައީ އޭނާގެ ނިތްކުރިން ލޭއޮހޮރެމުން ދިޔަމަންޒަރެވެ.

އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެކަލޭގެ ބޮލަށް ވަޒަރެއް ފޮނުވާލެވުނުކަން އެނގުމުންނެވެ. އެންމެ އުފާވީ މިކަހަލަ ފިސްތޯލައެއް އަތުޖެހުމުންނެވެ. އަޑެއްބަޑެއް އިއްވުމަކާނުލައި މަގުސަދު ހާސިލްކޮށްލަދޭނޭ އެހީތެރިޔަކު ލިބުމުންނެވެ.

މިހާރު އެކަލޭގެ އެ އޮތީ މަރުވެފައިކަން ޔަގީނެވެ. ދެނެއް އޭނާއަކަށް ތެދުވެ ހަމަލާއެއް ނުދެވޭނެއެވެ. އަހަރެންގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެ ހަމަޖެހުން ނިމުމަކަަށް އަތުވެއްޖެއެވެ. މި ހުރެވުނީ ކޮންފަދަ ނުރައްކާތެރި ތަނެއްގައި ހެއްޔެވެ؟ ބިރުވެރި ބިޔަ ޖަންގައްޔެއްގެ ތެރޭގައެވެ. އިރު އެހެރަ ދަނީ އޮއްސެމުންނެވެ.

އަނެއްކާވެސް އަހަރެންގެ ހިތުގައި ދެމެންފެށީ ހާސްކަމުގެ އޮއިވަރެވެ. އެ ބިރުވެރި ކިއްލާއިން ސަލާމަތްވެފައި ވީނަމަވެސް އޮތީ ކޮން އުފަލެއް ހެއްޔެވެ. ކުރިމަތީގައި މި އޮތީ ބިރުވެރި ރޭގަނޑެކެވެ. ހުންނަން ޖެހިފައިމިވަނީ ނާމާން ޖަންގައްޔެއްގައެވެ. ދާނޭތަނެއް ނެތެވެ. އަދި ދާނޭތަނެއް އޮތް ނަމަވެސް ދެވޭކަށް ނެތެވެ. ދާކަށް ނުވެސް އެނގެއެވެ. އަހަންނަށް ސަލާމަތް މި ވެވުނީ ކީއްކުރަން ބާވައެވެ؟ ވަކި މޮޅު ގޮތެއް އެބައޮތް ހެއްޔެވެ؟ އެ މީހާ ހިތުހުރި ގޮތެއް ހެދުމަށްފަހު، މަރާލަންދެން މައިތިރިވެލައިގެން އިނދެވުނު ނަމަ މާ ރަނގަޅުވީސް ކަންނޭނގެއެވެ. އޭރުން ހުރިހައި ކަމެއް އެ ނިމުނީއެވެ.

ޖަންގަލީގެ އަނދިރިކަމާއި، ނާމާންކަން އިތުރުވަމުން ދިޔަދިޔަހެން އަހަރެންގެ ހިތުގެ ނުތަނަވަސްކަމާއި ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އެ ވަގުތު އަނެއްކާވެސް އަހަންނާ ދިމާއަށް އެހީތެރިކަމުގެ ވާފަށެއް އެއްލީ އަހަރެންގެ ޒަމީރެވެ.

ރީޝާއެވެ! ހާސްވެ ކަންބޮޑުވާންވީ ހުރިހައި ވަގުތެއް މާޒީގެ އޮއިވަރާއެކު ފަހަތަށް ގެންގޮސްފިއެވެ. މިހާރު ތިޔަ ހުރީ މިނިވަން ވެފައެވެ. ދެން ތިޔަ ގޮތަށް ވަގުތުބޭކާރު ނުކުރާށެވެ! އަނެއްކާވެސް އެނބުރި އެ ކިއްލާއަށް ދާށެވެ! އެކަމަކު މި ފަހަރު ދާންވާނީ މިނިވަނެއްގެ ގޮތުގައެވެ. އެތަނަށް ގޮސް އެ ތަނުގެ އަނިޔާވެރި، ފާހިޝް ޢަމަލުތަކުން ނިކަމެތި އަންހެން ކުދިންތައް ސަލާމަތް ކޮށްދޭ މީހެއްގެ ގޮތުގައެވެ. ތިޔަ ގޮތަށް ފެނުފަޅޮލަކަށް ނުވާށެވެ! ޖެހިލުން ކުޑަ ކެރޭ އަންހެން ކުއްޖަކަށް ވާށެވެ! މިހާރު ފަނޑުގޮތަކަށް ނަމަވެސް އެ ކަމުގެ މަގު ތިޔަ އޮތީ ފެންނާށެވެ. ދެން އޮންނާނީ އުނދަގުލާއެކު ނަމަވެސް ދިމާވާ ހުރަސްތައް ގިރާކުރަމުން ކުރިއަށް ދިއުމެވެ.

އެ ކިއްލާއާ ބެހޭ އެތައް މައުލޫމާތެއް ހިތުގައި މިހާރު ރައްކާކުރެވިފައި އެބަހުއްޓެއް ނޫން ހެއްޔެވެ. ކުރިމަތީގައި މަރުވެފައި ތިޔަ އޮތް މީހާގެ މަގާމުގައި ހުރެގެން ރީޝާއަށް މަސައްކަތް ކުރެވިދާނެއެވެ. ވީއިރު ހާސްވެ ފިކުރުބޮޑުވެފައި ތިޔަ ހުރީ ކީއްވެގެން ހެއްޔެވެ؟ މާޔޫސްނުވާށެވެ! ހަމަޖެހިގެން މަސައްކަތް ފަށާށެވެ!

އަހަރެންގެ ހަރަކާތް ހުއްޓިފައިވާ ހަށިގަނޑަށް ހަރަކާތް އަތުވެއްޖެއެވެ. އާ ހިތްވަރަކާއެކު އަތުކުރި އޮޅާލައިފީމެވެ. މަރުވެފައި އޮތް މީހާގެ ގާތަށް ޖެހިލައިފީމެވެ. އެންމެ ފަޅި ސިކުންތެއް ވެސް ބޭކާރުކޮށްލުމެއް ނެތިއެވެ.

އޭނާލައިގެން އޮތް މުށި ކުލައިގެ ޔުނީފޯމް ވަރަށް އުނދަގުލުން އޭނާގެ ހަށިގަނޑާ ވަކިކޮށްލައިފީމެވެ. އެއަށްފަހު، އަހަރެން ލައިގެންހުރި ލެއިން ތަތްތެޅިފައިވާ ހެދުން ބާލައި، ގައިގައި އުނގުޅިފައި ހުރި ލޭތައް ވެސް ފުހެވުނު ވަރަކަށް ފުހެ ސާފުކޮށްލައިފީމެވެ. އެހައި ތަނުން ދެން ފެނުނީ އެއްކަލަ މުށި ކުލައިގެ ޔުނީފޯމްގައި އަހަރެން ހުރިތަނެވެ. ކަޅު އެންކަލްއެކެވެ. އޭނާގެ އަތުކުރީގައި އަޅާފައި އޮތް ބަރުގަޑި އަހަރެންގެެ އަތުކުރިއަށް ބަދަލުކޮށްލައިފީމެވެ. އަދި ފިސްތޯލައާއި، އެ މީހާގެ ޖީބުގައި އޮތް ކާޑާއި، ތަޅުދަނޑިފަތި ވެސް ޖީބަށް ވައްޓާލައިފީމެވެ. އެއަށްފަހު ކުޑަކޮށް ވިސްނާލުމަށްފަހު، އަހަރެންގެ ދިގު އިސްތަށިގަނޑު، ފިޔޮހީގެ އެހީގައި ބުޑުދަށުން ބުރިކޮށްލައިފީމެވެ. ވަރަށް ދެރަވިއެވެ. އެއަށްފަހު މަރުވެފައިއޮތް މީހާގެ ލެއިން އެ އިސްތަށިގަނޑާއި އަހަރެންގެެ ހެދުން ރަނގަޅަށް ތެންމާލުމަށްފަހު، ޖިޕުތެރެއަށް ލައިފީމެވެ.

އަހަރެން ޖިޕަށްއަރައި އިށީނީ އެއަނިޔާވެރިކަމުން ފުރިފައިވާ ކިއްލާއަށް ދެވަނަ ފަހަރަށް ދިއުމަށާއި، އެ މީހުންގެ ކިބައިން ފުރިހަމައަށް ބަދަލުހިފުމުގެ ވަރުގަދަ އަޒުމާއެކުގައެވެ. ނަމަވެސް ޖިޕް ކުރިއަށް ދުއްވާލުމުގެ ކުރިން، މަރުވެފައި އޮތް މީހާގެ މޫނުމައްޗަށާއި ހަށިގަނޑަށް ޖިޕުގެ ފޮރުޅުގެ، ދީލަތި ދެތިން ފިރުމުން ދިނުމަކަށް އަހަރެން ހަނދާން ނައްތައެއް ނުލަމެވެ. އޭނާގެ ސިފަ ވަކިނުވާވަރު ކޮށްލުމަށްފަހު، ކުރިއަށް ދުއްވާލައިފީމެވެ. މި ކޮޅަށް އައިއިރު މަގުތަކަށް ސަމާލުކަން ދެވުނުކަން ހާދަރަނގަޅޭ ހިތަށްއެރިއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!