ޖިންސީ ގޯނާއާ ދެކޮޅަށް “ޖާގައެއް ނެތް” ނަމުގައި ވެލާނާގެ ކައިރީ މުޒާހަރާކޮށްފި އެވެ.
ވޮއިސް އޮފް ޗިލްޑްރެން (ވީއޯސީ) އިން އިންތިޒާމު ކޮށްގެން ބޭއްވި މުޒާހަރާ ފެށީ ހޮޓެލް ޖެން ސަރަހައްދުންނެވެ.
މެންދުރު 01:30 ގައި ފެށި މުޒާހަރާ ނިންމާލާފައިވަނީ ވެލާނާގެ ކުރިމަތިންނެވެ. މުޒާހަރާގެ ބައިވެރިންނަށް ހުރަސް ނާޅާ ފުލުހުން ވަނީ އެ މީހުންނަށް މުޒާހަރާ ކުރުމުގެ ފުރުސަތު ދީފައެވެ.
ގަޑިއެއެއް ހާއިރަށް ދިގު ދެމިގެން ދިޔަ މި މުޒާހާރައިގައި ބައިވެރިން ގޮވާލާފައިވަނީ، ޖިންސީ ގޯނާގެ ތުހުމަތު ކުރެވީ މީހުން ހައްޔަރު ކުރުމަށެވެ. އެފަދަ ފަާރަތްތައް މުޖްތަމައުއަށް ދޫވެފައި ހުރުމަކީ، އަނެއްކާވެސް އިތުރު ބަޔަކަށް އަނިޔާ ލިބުމަށް މަގުފަހުވެގެންދާނެ ކަމެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ފާހަގަ ކުރިއެވެ.
މިއަދުގެ މުޒާހަރާގައި ބައެއް ގާނޫނީ ވަކީލުންވެސް ވަނީ ބައިވެރިވެފައެވެ. މުޒާހަރާގައި ވާހަކަ ދައްކަމުން ބައެއް ވަކީލުން ވިދާޅުވި ގޮތުގައި، މިފަދަ ކުށްތައް ހުއްޓުވުމަށް އެތައް ގާނޫނުތަކެއް ހެދިފައިވާ ކަމަށާއި ނަމަވެސް އެ ގާނޫނުތައް ތަންފީޒު ނުވާކަމަށެވެ. އަދި މިކަމުގައި އިދާރާތައް އިހުމާލުވެފައިވާ ކަމަށް އެ ވަކީލުން ވަނީ ވިދާޅުވެފައެވެ.