ކުށް ހީ…

(ނުވަވަނަ ބައި)

ހުވަފެނެއްނޫނެވެ. އޭނާ އައިގޮތަށް އައިސް އިށީނީ ރީޝާގެ މަގަތުގައި އިން ގޮނޑީގައެވެ. އަހަރެންނަށް ރީތިކޮށް އެ ސާފުމޫނު ފެނެއެވެ.

“ދާދާ… ހާދަ ފަލަވެއްޖޭ” ރީޝާ ފުރަތަމަވެސް ކޮއްލީ ސަމާސާއެކެވެ. އެކަމަކު އަހަރެންގެ ސަމާލުކަން ހުއްޓިފައިހުރީ ނީނާއަށް އޭނާ އެމުޙާތަބުކުރާ ނަމަށެވެ. އަހަރެންގެ ސިކުނޑީގައި އެއްފަހަރާ އެތަށް ސުވާލުތަކެއް ޖަމައުވިއެވެ. އެއީ އަނެއްކާ ނީނާ އެން ނޫންބާއެވެ. މިއީ އަހަރެންނަށް ހީވާގޮތް ހެއްޔެވެ. ނޫނެކެވެ. ކިތަންމެ ދުވަހެއްވިޔަސް އަހަރެންނަކަށް ނީނާއެއް ނުވެއް އޮޅޭނެއެވެ. އޭނާގެ ތަސްވީރު އަހަރެންގެ ހިތުގައިވަނީ ބިންވަޅުނެގިފައެވެ.

“އާ ދޯ..މި އަޔާން ކާންދޭވަރުން ވާގޮތް ހަމަ…އެންމެ ގަނޑިއަކު ނުކައި ހުއްޓަސް އޭނަ ކަންތައްބޮޑުވާނެ.” ނީނާގެ އެވާހަކައިގައި އަޔާންގެ ނަން އައުމުން ރަގަނޅަށްވެސް އެއީ ނީނާކަން ޔަޤީންވިއެވެ. އެކަމަކު އޭނާ ނަން ބަދަލުކުރީ ކީއްވެ ހެއްޔެވެ.އެހާބޮޑު އޮޅުވާލުމެއް އަހަރެންނަށް އޮޅުވާލީ ކީއްވެބާއެވެ. އަހަރެން ގާތަށްގޮސް ސުވާލުކުރަންވީބާވައެވެ.

“މިހާރު ބާސްކެޓު ކުޅޭކަށްވެސް ނުދެވޭ ވިއްޔަ ދޯ. އޮފީސް ގަނޑިއަށް އައި ބަދަލާހެދި އަސްލު ނުދެވެނީ.އެކަމަކާހެދި ރީޝާމެންނާވެސް ދިމާ ނުވޭދޯ.” އަނެއްކާވެސް ވާހަކަ ދެއްކީ ނީނާއެވެ. ނީނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

” ހޫމް ..ގެއަށް އައި ދުވަހަށްވުރެ މިހާރު ފަލަހެން ހީވަނީ..ތި ހެދުމުގެ ގޮތުން ކަންނޭގެ.” ނީނާ އަށް ނުފެންނަ ގޮތަށް އަހަރެންނަށް އަތުން އައުމަށް އިޝާރާތްކުރަމުން ރީޝާ ވާހަކަ ދެއްކިއެވެ.

އަހަރެން ތެދުވީމެވެ. އެކަމަކު އެމޭޒުކައިރިއަށް ދިއުމުގެ ބަދަލުގައި އަހަރެން ހިގައިގަތީ ރެސްޓޯރެންޓުން ނިކުތުމަށެވެ. ނިކުތުމުގެ ކުރިން އަހަރެން އެއްފަހަރު ފަސް އެބުރި ނިނާގެ މޫނަށް ބަލާލީމެވެ.އަދިވެސް ޔަޤީންކޮއްލުމަށްޓަކައެވެ. އެނާގެ ރީތި ހިނިތުންވުން މޫނުމަތިން ނުކެނޑި ފައުޅުވެ ފައުޅުވެ ހުއްޓެ ވެ. ކޮންމެ ސަބަބަކާހުރެ ނީނާ އަހަރެންނާ ދުރައްދިޔަޔަސް އޭނާގެ ދިރިއުޅޭ އުފާވެރިކަން ފެނިފައި ލޮލުން ކަރުނަ ހިލިލިއެވެ.

 އަދި އޭނާގެ ހިތް ނުތަނަވަސްކަމުގެ ސަބަބެއްކަމަށް އަހަރެންވާކަށް ބޭނުމެއްނޫނެވެ. އިތުރަށް ސުވާލުކޮށް އޭނާ ދެރަކުރާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ. އެންމެ ރަގަނޅުވާނީ އޭނާގެ ދިރިއުޅުމަށް އަހަރެންގެ ހިޔަނިވެސް ނޭޅުނިއްޔާއެވެ. ވިސްނުމުގެ ތެރޭގައި ހުރެގެން ނާލޭގެ ކާރުބާރުބޮޑު މަގުތަކުގައި ހިގަމުންދިޔައިރު ބައެއް ފަހަރަސް މީހުންގެ ގައިގާ ލައްވާލައެވެ. ސޮރީއޭ ބުނެ އަނެއްކާވެސް ހިގައިގަންނަނީއެވެ. ފެންނަ މީހުނަށް މަސްތުވެފައި ހުރި މީހެކޭވެސް ހީވެދާނެއެވެ.

އަހަރެން ސިއްސުވާލީ ފޯނުގެ ރިންގުގެ އަޑެވެ. ގުޅީ ޒިޔާނުއެވެ. ޒިޔާނުއަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. ޒިޔާން ހިތުގައި އެކުއްޖަކަށް ޓަކައި ލޯބީގެ ވިންދު ޖަހާ ކުއްޖަކީ އަހަރެންގެ ހިތުގެ ދިރުމޭ ބުނާނީ ކިހިނެއް ހެއްޔެވެ. އެއީ އަހަރެންގެ ހައްޤެއްނަމަ ޒިޔާނުއަށް ޤުރުބާން ކުރީމުހެވެ. އެކަމަކު ނީނާގެ އުފާތަށްވަނީ އަހަރެމެން ދެމީހުންނާ ވަކިން މުޅިން އެހެން މަންޒިލެއްގައެވެ. އަހަރެން ޒޔާން ގާތުގައި ބުނާނެ އެއްޗެއްނޭނގި ފޯނު ސައިލެންޓަށް ލާފައި ޖީބަށްލީބެވެ.

ނީނާ ކަހަލަ ބޭވަފާތެރިއަކަށް ޒިޔާން އެކަށީގެނެއް ނުވެއެވެ. ނީނާއަށް އަހަރެންކުރި އިންތިޒާރު މިވީ ފޫނެއްފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އޭނާގެ ލޯއްބަތް އެދި މޮޔައެއް ފަދައިންއުޅުނު ދުވަސްތަށް އަހަރެންގެ ހަނދާނަށް އައެވެ. އޭރުގައި އަބަދުވެސް އަހަރެންގެ ދުލުން ކުރެވުނު ދުޢާއަކީ ނީނާ ހެޔޮހާލުގައި ލެއްވުމަށެވެ. ﷲ އަހަރެންގެ ދުޢާ އިޖާބަކޮއްދިނެވެ. އެކަމަކު ނީނާއަށް އުފަލާއި ހިތްހަމަޖެހުން އެ ހޯދައިދިނީ އެހެންމީހަކާއެކުގައެވެ.

ނޭނގިހުރެ ނަމަވެސް އަހަރެންނަށް މިއާދެވުނީ އެބުރި ގެއަށްކަން އިޙުސާސްވީ ގޭ ދޮރުމަތީގައިހުރި ޒިޔާން އަހަރެންނަށް ގޮވާލުމުންނެވެ.

“ކޮންތާކުން ތިއައީ..ހާދަ ގުޅައިފީމޭ..” ޒިޔާން ހުރީ ވަރަށް ހާސްވެ ކަންތަށް ބޮޑުވެފައެވެ.

“ނީނާ އެއީ..” އަހަރެންނަށް ވިސްނުމުގެ ތެރޭގައި ހުރެފައި ބުނެވުނީ އެވަރަށެވެ.

“ނީނާ އާއި ދިމާވީތަ..ކީއްވެ މަނުލާ ދިޔައީ..” އަހަރެންނާ ކައިރިވެލާފައި ޒިޔާން ޝަކުވާ ކޮއްލިއެވެ.

އަހަރެންނަސް ކިޔަން އުޅެވުނު އެއްޗަކާ ދޭތެރޭގައި ވިސްނާލެވުނީ ދެނެވެ. އަހަރެން ވާހަކަ އޮޅުވާލީމެވެ.

” ކައިފިންތަ؟” އެއްޗެއް ފޮރުވަން އުޅޭކަން އަހަރެންކުރި ސުވާލުން ޒިޔާނަށް ރަގަނޅަށް އެގުނެވެ.

” ނުކަން.ނީނާގެ ވާހަކަ ކިޔައިދީބަލަ.” ޒިޔާންގެ ޝައުގުވެރިކަން އެ މައުލޫއިން ބޭރުވާގޮތެއް ނުވިއެވެ.

” ނީނާ އެއް ނޫން ..ސިދާދާ. އޭނަ އުޅެނީ މީހަކާ އިދެގެން..” އަހަރެން ކުޑަކޮށް ވިސްނާލާފައި އެވަގުތަށް އެންމެ ރަގަނޅުވާނެގޮތް ހިޔާރުކުރީމެވެ.

” ނީނާ އޭ ..ސިދާދާ އޭ؟ ތިކިޔާ އެއްޗެއް ނޭނގުނު.” ވާނުވާ ނޭގިހުރެ ޒިޔާން އަހާލިއެވެ.

” މިބުނީ ނީނާގެ ވާހަކަ ދައްކާކަށް ނޫނޭ އުޅުނީކީ…ތީނަގެ ލޯބިވާ ސިދާދާގެ ވާހަކައޭ ބުނަން އުޅުނީ.. އޭނަ މެރީޑު..” އަހަރެން ބޭނުންވީ ސިދާދާގެ ނަންވެސް ޒިޔާންގެ ހިތުން ފޮހެލާށެވެ. އެއްވެސް ހާލެއްގައި އެއީ އަހަރެންގެ ނީނާއަށް ވީތީކީ ނޫނެވެ. އެފަދަ މަކަރުން ފުރިގެންވާ މީހެއްގެ ލޯބީގައި ޒިޔާންކަހަލަ މާތް މީހަކު ޖެހެން އަހަރެން ބޭނުންނުވަނީއެވެ.

“އެހެންތަ..ކޮންތާކުން ދިމާވީ…” ޒިޔާންއަށް އަހަރެންގެ ވާހަކަ ޤަބޫލުކުރަން އުދަނޤޫވެފައި ހުރިހެން ސުވާލުކޮއްލިއެވެ.

” ރީޝާ ބުނީ!..ހިގާ އެތެރެއަށް. ވަރަށް ބަނޑުހައި.” އަހަރެން އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

“ދެން އެކަންތަށް ނުވީނު…އެހެން ކަމެއް ހޯދަންވީ ދޯ..” ޒިޔާން ހީލާފައި ސަމާސާ ކޮއްލިއެވެ. އެކަމަކު އެ މޫނުމަތިން އަހަރެންނަށް ރަގަނޅަށް މަޔޫސްކަން ފެންނަން ހުއްޓެވެ.

ބަނޑުހައޭ ބުނެ ބަހަނާ ދައްކާފައި އެތެރެއަށް ވަނަސް ކުޑަކޮށްވެސް ކާހިތެއް ނެތެވެ. އެހެން ނަމަވެސް ނުކައި ގޮއްސި ނަމަ ޒިޔާންގެ ސުވާލުތަކުން އަނެއްކާވެސް ބޯހާސްކުރުވާނެއެވެ.

މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. އަހަރެމެން ދެމީހުންވެސް އިށީނީ ކުޑަ އެތިކޮޅެއް ނަމަވެސް ކެވޭތޯއެވެ.

“އަހާ ނިޔާޒު .. އައީތަ..ކޮބާ ރީޝާ.” ބޮޑުދައިތަ އެކުރީ ބޮޑު ސުވާލެކެވެ.

“އެބަ އާދޭ..” ދޭނެ ޖަވާބެއް ނޭނގިއިދެ އަހަރެން ބުނެލީމެވެ. ޖަޒުބާތުގައިޖެހި އަހަރެން މިއައީ ރީޝާ އެކަނި އެތަނަށް ދޫކޮއްލާފައެވެ. އަހަރެންނަށް އެހީވާންދިޔަ މީހަކާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލާ މިކުރެވުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލާފާ ރީޝާ ވަނެވެ. އަނގައިންވެސް ނުބުނެ ގޮސްވަނީ ކޮޓަރިއަށެވެ.

” އަނެއްކާ ކިހިނެއް ވިބާ؟ ކޮންމެސް ގޯހެއް ވެއްޖެ.” ބޮޑުދައިތަ އަޑުގައިވަނީ ހާސްކަމެވެ. އަވަސް އަވަހަށް ގޮސް ދޮރުގައި ޓަކި ޖަހަންފެށިއެވެ. ދަރިފުޅާއޭ ކިޔާ ގޮވަމުން ދިޔައިރު ބޮޑުދައިތަ ހުރީ ހާސްވެ ގޮތް ހުސްވެފައެވެ.

“އަހރެން އޯކޭ މަންމާ..ނިދި އަންނަނީ..” ރީޝާގެ އަޑަށް ބޮޑުދައިތަގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. އެބުރި ސިޓިން ރޫމަށް އައިސް ހަމަޖެހިލިއެވެ. އަހަރެން އިނީ ވެގެން އުޅޭ ގޮތަކާ ދޭތެރޭގައި އަހަރެންނާ ސުވާލުކޮއްފާނެތީ ވަރަށް ބިރުންނެވެ.

ރީޝާ އައިސްހުރި ރުޅިއަކީ އަހަރެންދެކެ އައިސްހުރި ރުޅިއެއްކަން އަހަރެންނަށް ޔަޤީނެވެ. އޭނާ އަށް ރުޅިއައުން ހައްޤެވެ. ސަބަބެއް ނުބުނެ އޭނާ އެކަނިމައި އެކަނި ދޫކޮއްލާފައި އަހަރެންވެސް އަންނާކަށް ނުވާނެއެވެ. އެކަމަކުވެސް ގުދުރަތުގެ ނިޔާއިން އަހަރެންގެ ހިތް ކުދިކުދިކޮށް ސިކުނޑި އެފުއް މިފުށަށް ޖެހިކަހަލައެވެ. އަހަރެންނަށް މިރޭ މިލިބުނީ ކޮންކަލަ ލޮޅުމެއް ހެއްޔެވެ. އަހަރެން އެންމެ ލޯބިވާ ނީނާ ބޭވަފާތެރިއަކަށް ވީއެވެ. ޒިޔާން އެންމެ ލޯބިވި ސިދާދާ ނީނާއަށްވީއެވެ. ސިދާދާ އަކީ ނުބައި ނުލަފާ މަކަރުވެރިއެކެވެ.

ރޭގަނޑުގެ ބޮޑުބައި އަހަރެންނާ ޒިޔާން ހޭދަކުރީ ސަކާރާތްޖެހުމާއި ގޭމުކުޅުމުގައެވެ. އަހަރެން ހިތަށް ހަމަޖެހުމެއް ނުލިބުނަސް ޒިޔާން އެކަމާ ވިސްނާ ދެރަވާނެ ފުރުސަތެއްދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ކޮންމެސް ބަހަނާއެއް ދައްކާފައި އަހަރެން ކޮޓަރިން ނިކުމެލަމެވެ. ރީޝާ ފެނޭތޯއެވެ. އަހަރެންނަށް ކަންތަށް ކުރެވުނު ގޮތާ ދޭތެރޭ ލަނޑުގަންނަނީއެވެ. އޭނަ ކައިރިން މާފަށް އެދެން ޖެހޭނެއެވެ.  އެކަމަކު ބައްދަލުވާ ގޮތެއް ނުވިއެވެ.

ފަތިސްވުމަކާއި ގާތްވެފައިވަނިކޮށް ޒިޔާނު ނިދައިފިއެވެ. އަހރެން އޮތީ ނުނިދިފައެވެ. ނީނާގެ މޫނު އަދިވެސް ލޮލުގެ ކުރިމަތީގައި ސިފަވަނީއެވެ. ކިތަންމެ ވަރަކަށް ރުޅިއަންނަށް އުޅުނަސް ފިކުރުކުރެވެނީއެވެ. އަހަރެން ނިކުމެ ސިޓިންރޫމުގައި އިށީދެލީމެވެ.

އިރުކޮޅަކުން އަހަރެންނަށް ފެނުނީ ރީޝާގެ ކޮޓަރީގެ ދޮރު ހުޅުވާލާފާ އޭނަ ނިކުމެގެން އަންނަ ތަނެވެ.އަދިރިކަމުން ތަނެއް ދޮރެއް ނޭނގޭހާ ސިޓިންރޫމު އަދިރިއެވެ.

އަހަރެން ސިކުނޑީގައި އެބުރިގަތީ ރީޝާއާ ސަމާސަ ކޮއްލާނެ ގޮތެކެވެ. މަޑުމަޑުން ރީޝާ އަންނާނީ ބޮކި ދިއްލުމަށްޓަކއި ސޯފާގެ މަގަތުގައި އިން ސުވިޗު ބޯޑު ކައިރިއަށްކަން އަހަރެންނަށް އެގެއެވެ.

އަހަރެން ގުޑިވެސް ނުލާ ސޯފާގައި އިނީމެވެ. އެހިސާބަށް އަރާ ހަމަވިތަނާ އަހަރެން ބިރުވެރި އަޑަކުން ރީޝާ އަށް ގޮވާލީމެވެ. ތެޅިގަނެފައި އޭނާ ހަޅޭއްލަވައިގަތެވެ. ދުރަށް ދިއުމަށް ދުއްވައިގަނަތަނާ އަޅައިގަތީ އަހރެން ގައިގައެވެ. ދެމީހުން އެއްކޮށް ސޯފާ މައްޗަށް ވެއްޓުނެވެ.

“މި މި ނިޔާޒުއޭ….ހަމަޖެހިބަލަ..” އަހަރެން ރީޝާ ހަމައަކަސް އެޅުވުމަށް ބުނެލީމެވެ. އަހަރެންނަށް ރީޝާގެ މޫނު ރީތިކޮށް ނުފެނުނަސް އޭނާގެ ހިތް ބާރު ބާރަށް ތެޅޭކަން އިޙުސާސްވިއެވެ.

 އަހަރެންކަން އެގުމުން ރީޝާ އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އަހަރެންގެ ގައިމަތީގައި އޮވެ ރީޝާ އެހާ ބާރަށް ބައްދާލުމުން އަހަރެން އޮތީ ނޭވާލާންވެސް އުދަނގޫވެފައެވެ. އެކަމަކުވެސް އޭނާއަށް އަހަރެންގެ އަތުތެރޭގައި ރައްކަތެރިކަން އިޙުސާސްވާކަން އެގުމުން އަހަރެންނަށްވެސް އެ ހަށިގަނޑު އަހަރެންގެ އަތުތެރޭގައި ބޮޑިކޮއްލެވުނެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!