އެޗްއާރުސީއެމްގެ ރައީސް އިސްތިއުފާ ދެއްވައިފި

އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް އިސްތިއުފާ ދެެއްވައިފި އެވެ.

އެ ކޮމިޝަންގެ ރައީސްގެ އިތުރުން، އިތުރު މެމްބަރަކު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. މި ދެ މެމްބަރުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުންގެ މެމްބަރުން ވަކިކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދަނިކޮށެވެ. އެއާއެކު، ކޮމިޝަންގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ވެސް ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.

އެ މައްސަލައާއި ގުޅިގެން މިއަދުގެ ނިޔަލަށް މަޖިލީހަށް ޖަވާބުދާރީވުމަށް އެޗްއާރްސީއެމްގެ މެންބަރުންނަށް ޖެންޑަ ކޮމެޓީން ވަނީ އަންގާފައެވެ. އީނާސް މަގާމުން އިސްތިއުފާ ދެއްވީ ލިޔުމުން ކޮމެޓިއަށް ޖަވާބުދާރީވުމަށްފަހު އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މުއައްސަސާއެއްގެ މެންބަރުން ވަކިކުރަން ކޮމިޓީއަކަށް ފެނިއްޖެނަމަ ވަކިކުރުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމުގެ ކުރިން ރިޔާސަތަށް އަންގަން ޖެހެ އެވެ. އަދި މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ރިޔާސަތުން އެ މައްސަލަ ކޮމިޓީއަށް ފޮނުވި ކަން އިއުލާން ކުރަން ޖެހެ އެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓަކީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ އާމްދަނީ އާއި މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއިރު، އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި، މެންބަރު މޫސާ އަލީ ކަލޭފާނާއި މެންބަރު ނައިވީން އަބްދުﷲ ގެ އިތުރުން މެންބަރު އާއިޝަތު އަފްރީން މުހައްމަދެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!