ބޮޑުފިނޮޅުގައި ތިބީ އެ ކުންފުނީގެ އެންމެ 14 މުވައްޒަފުން ކަމަށް ރިޒުން ބުނެފި

ރިސޯޓެއްގެ ގޮތުގައި ބ. ބޮޑުފިނޮޅު ތަރައްގީކުރުމުގެ މަސައްކަތަށް އެ ރަށަށް ގެންދިޔަ ބިދޭސީންނާ ހަވާލުވާން ކުރިން އިންކާރު ކުރުމަށް ފަހު، އެ ތަނުގައި ތިބީ އެ ކުންފުނީގެ އެންމެ 14 މުވައްޒަފުން ކަމަށް ރިޒް ކުންފުނިން މިއަދު ބުނެފި އެވެ.

ސީލް މޯލްޑިވްސް އަށް ދޫކުރި ރަށުގެ މަސައްކަތުގައި 200 ބިދޭސީން އުޅުނެވެ. އެ މަސައްކަތް ކުރަމުން އައީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، ދިވެހިންތަކެއް ރަހީނުކޮށް، ބޮޑުފިނޮޅުގައި ހުރި ސާމާނުތަކަށް ގެއްލުން ދިނުމަށް ފަހު، ބިދޭސީން ވަނީ ފުލުހުން ވެސް އެ ރަށަށް އަރަން ދެކޮޅު ހަދައި ހަމަނުޖެހުން ހިންގައިފަ އެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކުރުމުން އެ ރަށުގައި މިހާރު ތިބީ 179 މީހުންނެވެ.

މި ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުންޏާއި ސީލް މޯލްޑިވްސް އިން ދަނީ ދެކޮޅު ހަދަމުންނެވެ. އެ މީހުން ރަށަށް ދޫކޮށްލައި، ދެ ކުންފުނިން ފައިބައިފައިވާ އިރު، ސީލް އިން ވަނީ ބިދޭސީން ރަށުން ބާލައިދޭން އެދި ތުޅާދޫ ކޯޓުގައި އަމުރަކަށް ވެސް އެދިފަ އެވެ.

ރިޒްގެ މައްޗަށް ކުރާ ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތާ އެކު ފުލުހުން ތަހުގީގެއް ހިންގަމުން ދަނިކޮށް، ބިދޭސީންތައް ބޮޑުފިނޮޅަށް ދޫކޮށްލައި ރިޒް ކުންފުނިން ފޭބި މައްސަލައިގައި ކުންފުނި ތަމްސީލްކުރާ ލޯ ކްރާފްޓްގެ ގާނޫނީ ވަކީލެއް ކަމަށްވާ އަލީ ސައީދު ނެންގެވީ ކުންފުނީގެ ނަން މުއައްސަސާތަކުންނާއި މީޑިއާ އިން އޮޅުވާލާފައިވާ މައްސަލަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޒާގެ ކުންފުނީގެ ނަމަކީ ރިޒް މޯލްޑިވްސްއެއް ނޫނެވެ. އެ ކުންފުންޏަށް ކިޔައީ އާރުއައިއެކްސް ކަމަށާއި އެ ނޫން ގޮތަކަށް އެ ކުންފުންޏާ ގުޅޭ ގޮތުން ލިޔެކިޔުމުން ވެސް މުއާމަލާތްތައް ނުހިންގޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު، މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި، މެމްބަރު އަލީ ރިޒާ ސޮއިކުރައްވާފައިވާ ބައެއް ލިއުންތަކުގައި ކުންފުނީގެ ނަން އޮތީ ރިޒް ޕްރައިވެޓް ލިމިޓެޑެވެ. ބައެއް ލިއުންތަކުގައި ވެސް ކުންފުނީގެ ނަން ރިޒް މޯލްޑިވްސްގެ ގޮތުގައި ފެންނަން އެބައޮތެވެ.

ވަކީލު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ބޮޑުފިނޮޅުގައި މި ވަގުތު ތިބި 179 މުވައްޒަފުންނަކީ އެ ކުންފުނިން ހަވާލުވާން ޖެހޭ ބައެއް ނޫނެވެ. އޭގެ ތެރޭގައި ތިބީ އާރުއައިއެކްސްގެ 14 ބިދޭސީން ކަމަށާއި ބޮޑު ތަހުގީގެއް ފަށާފައިވާއިރު ފުލުހުންގެ އިއުތިރާޒެއް ނެތް ނަމަ، އެ ބިދޭސީންނާ ހަވާލުވާން ކުންފުނިން ތައްޔާރު ކަމަށެވެ.

ބާކީ ތިބި މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ޖެހެނީ ރިޒް މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ފުލުހުންނާއި ދައުލަތުގެ އެހެން އިދާރާތަކުންނެވެ. އެއީ، ހިއުމަން ޓްރެފިކިންގެ ބޮޑު ތުހުމަތުތަކެއް ކުރޭވޭތީ އާއި އެ ހާލަތުގައި އެފަދަ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުން މުއައްސަސާތަކަށް ލާޒިމްކުރާ ކަމަކަށް ވާތީ ކަމަށް ވެސް މީހުން ޓްރެފިކްކުރުމުގެ ގާނޫނާ ހަވާލާދީ ސައީދު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީންނަކީ ރިޒް ކުންފުނީގެ ބައެއް ނޫން ކަން ސާބިތުކޮށްދޭން އޭނާ ވިދާޅުވީ އެ މުވައްޒަފުންނަށް ކޯޓާ ހޯދަން އިމިގްރޭޝަންގައި އެދިފައި ވަނީ ސީލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ ލިއުމަކާ އެކުގަ އެވެ.

އޭނާ މިހެން ވިދާޅުވިއިރު ސީލް އިން ބުނެފައި ވަނީ މުވައްޒަފުންނަށް މުސާރަ ދެވޭވަރަށް ފައިސާ ވަނީ ރިޒަށް ދޫކޮށްފަ އެވެ.

ޑިސެމްބަރު މަހުން ފެށިގެން ވެސް އެ ބިދޭސީންގެ ކެއުމުގެ ކަންކަން ހަމަޖައްސައިދެނީ ރިޒް ކުންފުނިންނެވެ. އެއީ، ސައީދު ވިދާޅުވި ގޮތުގައި، އެ ކުންފުނިން އިންސާނިއްޔަތަށްޓަަކައި ކުރާ ކަމެކެވެ.

ކާންބޯން ނުދީ ބަޔަކު މަރުވާން ދޫކޮށްނުލެވޭނެތީވެ، ކެއުމުގެ އިންތިޒާމު ހަމަޖައްސައިދެނީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރަން ރިޒް ކުންފުނިން ބިދޭސީން ގެންގުޅުމުގައި ހިއުމަން ޓްރެފިކިން އަށް ތުހުމަތުކުރެވޭ ސީރިއަސް ކަންތައްތަކެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ ރިޒްގެ ޒިންމާގައި ތިބި ބައެއް ނޫން ކަމަށް ދޭހަވާ ގޮތަށް އެ ކުންފުނިން ވާހަކަ ދެއްކި ނަމަވެސް ފުރަތަމަ ބުނެފައިވަނީ މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!