2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލ.ފޮނަދޫން ފުރައިގެން އެއަތޮޅު މާމެންދުއަށް ދަތުރުކުރި ޑިންގީ އެއް ބަންޑުން ޖަހާލައި މަރިޔަމް ޝިމާ ގެއްލުނު އިރު އޭނާ ދަތުރު ކުރަމުން ދިޔަ ޑިންގީ ކަމަށް ބެލެވޭ ޑިންގީ އެއް ފެނިއްޖެއެވެ.
މި ޑިންގީ ފެނިފައިވަނީ ފޮނަދޫ ކައިރިއަށް ފީނަން ދިޔަ ބަޔަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
ޑިންގީ ފެނުނު ކަމަށް ރިޕޯޓް ކުރުމުން ޑިންގީ ފެނުނު ކަމަށް ބުނާ ސަރަހައްދަށް ފުލުހުންނާއި ސިފައިން ޑައިވް ކުރަން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ޝިމާ ގެއްލުނީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށްވާ އިބްރާހިމް ފަޒީލް އާއި އެކު ދަތުރު ކުރަމުން ދަނިކޮށެވެ. ޑިންގީ ބަންޑުން ޖަހާލި ހާދިސާ އިން ފަޒީލް ވަނީ ސަލާމަތް ވެފައެވެ. ފަޒީލް ސަލާމަތްވީ ޑިންގީ ބަންޑުން ޖަހާލުމުން ފަތާފައި ސިކްސް ސެންސަސް ރިސޯޓަށް އަރައިގެންނެވެ.
ޝިމާ ހޯދަން ޑައިވް ކޮށްގެންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް މިހާތަނަށް ޑިންގީ އާއި އަދި ޝިމާ އާއި ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.