މިސްކިތްތަކުގައި ނަމާދު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އާންމުން އަމަލެއް ނުކުރޭ

ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ގިނަ ބައަކު އަމަލު ކުރަމުން ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ މިސްކިތްތަކުގައި އަމަލު ކުރަން މިނިސްޓްރީން ހާއްސަ އުސޫލެއް އެކުލަވާލާފައިވި ނަމަވެސް، މިސްކިތަށް ނަމާދަށް ދާ މީހުން އެކަން ކަމަށް ސަމާލުކަން ނުދޭ ކަމަށެވެ.

އެގޮތުން ގެއިން މުސައްލަ ހިފައިގެން ދިއުމަށާއި މާސްކު އަޅަން ނަމާދު ފެށުމުގެ ކުރިން އިމާމުން އަންގަމުން ދާއިރު، އެގޮތަށް އަމަލު ނުކުރާކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވި އެވެ.

“މި ކަންކަމުގައި ތަޖުރިބާ ކުރެވުނީ އާންމު ރައްޔިތުން މިކަންކަމަށް ސަމާލުކަން ނުދޭ ކަމަށް. އެހެން ކަމުން މިހާރު މިއަދު ހެނދުނުން ފެށިގެން ރިކޯޑިން އެއް ޖަހަން ދެ ބަހުން، ދިވެހި ބަހުންނާއި ބަންގްލަދޭޝް ބަހުން އިލްތިމާސް ކުރަން އެ ގައިޑް ލައިނަށް އަމަލު ކުރުމަށް. މިސްކިތަށް ދާއިރު މިނިސްޓްރީން ދީފައިވާ އިރުޝާދަށް އަމަލެއް ނުކުރޭ. އެކަން ފާހަގަކުރެވޭ،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތަށް އަންނަ މީހާއި މުޞައްލަ ނުލާ މާސްކު ނާޅާ އައުމުން އެމީހާ އަލުން އަނބުރާ ފޮނުވާލުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކޮންމެ މީހަކު ވެސް މިކަމުގައި ފަރުދީ ޒިންމާ ނަގަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ނަފުސާއި އެހެން މީހުން ވެސް މިބަލި މަޑުކަމުން ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ޖަމާޢަތުގައި ނަމާދުކުރުމަށް ވަކި އުސޫލުތަކެއް އެކުލަވާލާފައިވަނީ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި ސަރުކާރުން އެންމެ އިސްކަމެއް ދެނީ އާންމު މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންތަކަށް ހައްލެއް ހޯދާނެ ގޮތްތަކެއް ހޯދުމަށް ކުރިޔަށް އޮތްތަނުގައި އަދިވެސް ސިޓީ ކައުންސިލާ ވެސް އިމާމުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ނަމާދު ކުރުން ތިން މަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށްފަހު މިސްކިތްތައް ހުޅުވާލާފައިވަނީ ވަކި އުސޫލެއްގެ މަތިން ޖަމާޢަތުގައި ނަމާދުކުރުމަށް އެންގުމަށްފަހު އެވެ. އޭގެތެރޭގައި ހިމެނެނީ ގެއިން އަންނައިރު މުޞައްލަ ގެނައުމާއި، ކޮންމެ މީހަކު ވެސް އެމީހެއްގެ މުޞައްލާގައި ނަމާދު ކުރުމާއި، މާސްކު އެޅުމާއި އެކަކު އަނެކަކާއި ސަލާން ނުކުރުމެވެ. އަދި ގެއިން އަންނައިރު ވުޟޫކޮށްގެން އައުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!