ލިބެނީ ނުރައްކާތެރި ސިގްނަލެއް، ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހިދާނެ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާ ކަމުގެ ސިގްނަލްތައް މިހާރު ފެންނަމުންދާތީ، އެކަމާ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓިމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އަލީ ލަތީފް ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަސްތެރޭގައި ގިނަ ކޭސްތަކެއް ފެންނަމުން ދާކަމަށެވެ.  

ޑރ. ލަތީފް ވިދާޅުވީ މާސްކް ނާޅާ މަގުމަތީގައި ގިނަ ބަޔަކު އުޅޭކަން މިހާރު ފާހަގަވާކަމަށެވެ. އަދި ގައިދުރު ކުރުމެއް ނެތި ގިނަ ބަޔަކު އުޅޭކަންވެސް ފާހަގަކުރެވޭ ކަމަށާއި، އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވި އެވެ. 

ޑރ. ލަތީފް ވިދާޅުވީ ފާއިރުވި ދެ ދުވަހު ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާކަމަށާއި، އަދި އެއީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަކަމުގައި ވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހިދާނެ ކަން ވެސް ފާހަގަކުރެއްވި އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ހަދަން އުނދަގޫ ވާވަރަށް ގުޅުމެއް ނެތް މީހުން ޕޮޒިޓިވްވާނަމަ ބަލާނީ ރާއްޖޭގައި ބަލި ކޮންޓްރޯލް ނުކުރެވޭ ވަރުވީ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހަށްވުރެ އަނެއް ދުވަސް އިތުރުވާނަމަ ނުވަތަ ޑަބްލިން ޓައިމް ކުރުވާ ނަމަވެސް ބަލި ކޮންޓްރޯލް ނުވާ ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެގްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ގުޅުމެއް ނެތް ގިނަ މީހުން ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން 40 މީހުން ޕޮޒިޓިވްވާއިރު އޭގެ ތެރެއިން 16 މީހަކީ ގުޅުމެއް ނެތް މީހުން ކަމަށްވާނަމަ އޭގެ މާނައަކީ، އިތުރު 16 މީހުން ގައިގައި ބަލި ހުރެ، ދެނެނުގަނެވިފައިވާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާންމުކޮށް ޕޮޒިޓިވްވާ މީހެއްގެ ފަރާތުން އިތުރު ދެމީހަކަށް ނުވަތަ ތިން މީހަކަށް މި ބަލި ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އަލާމާތްތައް ނުފެންނަ ނުވަތަ ކުޑަ ކުޑަ އަލަމާތްތަކާއެކު ވެސް ކޮވިޑް ޖެހިފައި، އެމީހަކަށް ނޭގި ރަނގަޅު ވެދާނެ ކަމަށެވެ.

އެހެންކަމުން ގައިދުރު ކުރުމާއި ސައިބޯނި ލައިގެން އަތްދޮވެ، މާސްކު އެޅުން އަދި ބަލިވެ އުޅޭ ނަމަ މީހުންގެ ތެރެއަށް ނުގޮސް ޓެސްޓު ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ޓެސްޓު ކުރަން ސާމަޕަލް ނެގުމަށްފަހު އޮފީހަށްދާ މީހުން ވެސް އުޅޭ ކަމަށާއި އެއީ އެމީހާގެ ފަރާތުން އެހެން މީހުންނަށް ބަލި އެރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!