ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި އުޅޭ ނަރުހުންގެ ޔުނީފޯމަށް އަނެއްކާވެސް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ މެއި 12، 2018 ގައި ވެސް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފަ އެވެ. އޭރު ބަދަލުކުރީ ވިލު ނޫ ކުލައަކަށް ދާ ޔުނީފޯމަކަށެވެ. އޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ހުރެ އެވެ.
އަލަށް ބޭނުންކުރާ ޔުނިފޯމުގެ ކުލައަކީ ވެސް ވިލު ނޫ ކުލަ އެވެ. މިހާރުގެ ޔުނިފޯމާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނެތަސް ކުލަ ތަންކޮޅެއް މަޑުވެފައި އެއްވެސް ޑިޒައިނެއް ނުހުންނާނެ އެވެ.
މިހާރު ބޭނުންކުރާ ޔުނީފޯމް ހުންނަނީ އަތް ކުރުކޮށެވެ. ބުރުގާގެ ގޮތުގައި ބޭނުންކުރަނީ ވެސް ވިލު ނޫކުލައިގެ ވަށް ބުރުގަލެވެ. ނަމަވެސް އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެ އެވެ.
ގިނަ ނަރުހުން މިހާރު ޔުނީފޯމު ލަނީ ޑިއުޓީ އަށް ނުކުމެފަ އެވެ.