ބޮޑުފިނޮޅުން ބިދޭސީން ބާލަން ވަގުތީ އަމުރަކަށް އެދެފި

ބ. އަތޮޅުގައި ރިސޯޓް ތަރައްގީ ކުރަމުންދާ ރަށް، ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލަން ވަގުތީ އަމުރެއް ނެރެދިނުމަށް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތުޅާދޫ މެޖިސްޓްރޭޓަށް ހުށަހަޅައިފި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 198 ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަސް ވުމުން އެ މީހުން ވަނީ އެ ރަށުގައި ތިބި ދިވެހިން ރަހީނުކޮށް، އެކަން ހުއްޓުވަން އައި ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުން ހިންގައިފަ އެވެ. އެ ރަށުގައި ތިބީ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް މޯލްޑިވްސްގެ މުއައްޒަފުންނާއި އެ ރިސޯޓުގެ ވެރި ފަރާތް ކަމުގައިވާ ސީލް މޯލްޑިވްސްގެ ބައެއް ދިވެހި މުއައްޒަފުންނެވެ. އެ ހަމަނުޖެހުމުގައި ތެރޭގައި ބިދޭސީން ވަނީ ބޮޑުފިނޮޅުގައި ހުރި ސީލް މޯލްޑިވްސްގެ މުދަލަށް ބޮޑެތި ގެއްލުންތައް ދީފަ އެވެ.

އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ވަކީލުން ވަނީ އެ ކުންފުނީގެ މުދަލަށް ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް ހުށަހެޅިދާނެތޯ ކަނޑައެޅުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ތުޅާދޫ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ފަރާތުން އެދިފައި ވަނީ ގެއްލުން ދިން ބިދޭސީން ތިބެގެން އެ ކަންކަން ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދަން އުނދަަގޫވާ ކަމަށާއި އެހެން ކަމުން ރިޒް ކުންފުނީގެ ބިދޭސީންތައް ބޮޑުފިނޮޅުން ބާލަން އަމުރެއް ނެރެދިނުމަށެވެ.

ބިދޭސީންނަށް މުސާރަ ނުދިން މައްސަލާގައި ހިމެނޭ ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެވެ. އެ ކުންްފުނިން ބުނާ ގޮތުން މުއައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުންނެވެ.. ނަމަވެސް ސީލް މޯލްޑިވްސް އިން އެކަމަށް އިންކާރު ކުރެ އެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލައާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!