ސްރީދޭވީގެ ހޮޓެލް ރޫމް އަށް ގަދަކަމުން ވަންނަން ސަންޖޭ ދަތު މަސައްކަތްކުރި ކަން އެނގޭތަ؟

ކުރީގެ ބަތަލާ ސްރީދޭވީ އަކީ އޭނާގެ އެކްޓިންގ ކެރިއަރުގައި 300 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ، ކުޅަދާނަ އެކްޓްރެސްއެކެވެ. އެއާއެކު އޭނާއަށް ތާއީދުކުރާ ފޭނުން ވަނީ މުޅި އިންޑިއާއާއި އަވަށްޓެރި ޤައުމުތަކުގައި ވެސް ގިނަވެފައެވެ. 2018 ވަނަ އަހަރު ސްރީދޭވީ މަރުވުމާ ހަމައަށްވެސް، އޭނާއަށް ސަޕޯޓުކުރާ މީހުން ތިބީ އެގޮތުގައެވެ. އެ ފޭނުންގެ ތެރޭގައި އާދައިގެ މީހުންނާއި، މަޝްހޫރު މީހުންވެސް ހިމެނެއެވެ. މަޝްހޫރު މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކީ އެކްޓަރު ސަންޖޭ ދަތެވެ.

‘ޕިންކްވިލާ’ ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ހާމަކުރާ ގޮތުގައި، ސަންޖޭ ދަތަކީ ސްރީދޭވީ ވަރަށް ބޮޑު ފޭނެކެވެ. އަދި އެއްފަހަރަކު ދިމާވި ހާދިސާއެއްވެސް އެ މެގަޒިންގައި ކިޔައިދީފައިވެއެވެ. އެގޮތުން 1983 ވަނަ އަހަރު ސްރީދޭވީ މަސައްކަތް ކުރަމުންދިޔަ “ހިންމަތުވާލާ” ފިލްމުގެ ޝޫޓިންގ އަށް ގޮސް ހުއްޓައި، އޭރު ސްރީދޭވީ މަޑުކޮށްގެން ހުރި ހޮޓެލުގެ ކޮޓަރިއަށް ސަންޖޭ ދަތު ގަދަކަމުން ވަންނަން މަސައްކަތް ކުރިއެވެ.

އެއީ ސްރީދޭވީ އެތާނގައި ހުރިކަން ސަންޖޭ ދަތަށް އެނގިގެން، އޭނާއާ ބައްދަލުކުރާ ހިތްވިލެއް ބޮޑުކަމުން ކުރި ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ސަންޖޭ ވެސް އޭރު ދިޔައީ ހަމަ އެ ސަރަހައްދުގައި އެހެން ފިލްމެއްގެ މަސައްކަތް ކުރަމުން ކަމަށް ވެއެވެ.

އެ ހާދިސާ ހިނގި އިރު ސަންޖޭ ދަތު ހުރީ ރާބޮއެގެން ވަރަށް ބޮޑަށް މަސްތުވެފައެވެ. އަދި ސްރީދޭވީގެ ކޮޓަރީގައި ވަރަށް ބާރަށް ތަޅަން ފެށުމުން ދޮރު ހުޅުވި އިރު ސަންޖޭ ހުރިގޮތް ފެނިފައި ބިރުން ސްރީދޭވީ އަވަހަށް ދޮރު ލެއްޕީ ކަމަށް ވެސް ‘ޕިންކްވިލާ’ ގައި ލިޔެފައިވެއެވެ. އެއީ ސަންޖޭއާއި ޝްރީދޭވީ އަލަށް ބައްދަލުވި ދުވަސްވެސް މެއެވެ.

އެދުވަހަށްފަހު ސްރީދެވީ ސަންޖޭ ދަތު ދެކެ ގަންފައިވާ ބިރުން، ސަންޖޭގެ ނަން އިވުނަސް ޖެހިލުންވާ ކަމަށް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް ބިރު ކެނޑެމުން ގޮސް އެންމެފަހުން ސްރީދޭވީ ވަނީ ސަންޖޭ ދަތާއި އެކު އެއް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ 1993 އަހަރު ނުކުތް “ގުމްރާހް” ފިލްމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!