ބައިވެރިޔާ ކައިރީގައި ދޮގެއް ހެދުމުން ދެން ހަދާނީ ކިހިނެއް؟

ދޮގު ހެދުމަކީ އިންސާނީ ތަބީޢަތުގައިވާ ކަމެކެވެ. ދުވަހަކުވެސް ދޮގެއް ނުހަދާ ކަމަށް ބުނާ މީހާވެސް ކޮންމެވެސް ކުޑަ ދޮގެއް ހަދާފައި އޮންނާނެއެވެ. މިއީ ކިތައްމެ ގޯސް ސިފައަކަށްވިޔަސް، އެއްބައި މީހުންނަށް މިކަމުން ދުރުވުމަކީ އުނދަގޫ ކަމެކެވެ.

ދެމީހަކު ލޯބިން ގުޅިގެން އުޅޭއިރު، އެ ގުޅުމުގައި އާއްމުކޮށް މައްސަލަ ޖެހެން ފަށަނީ އެކަކު އަނެކަކަށް ކުރާ އިތުބާރު ގެއްލުމުންނެވެ. މިގޮތަށް ދިމާވާން މެދުވެރި ވަނީ ވެސް ދެމީހުން ދެމީހުންނަށް ދޮގުހަދައި އޮޅުވައިލައިގެން ކަންކަން ކުރަން އުޅޭތީއެވެ. ނަމަވެސް ވަރަށް ލޯބިވާ ބައިވެރިއެއް ހުންނަނަމަ، އޭނާ ގާތުގައި ދޮގެއް ބުނުމަކީ ހިތް ރުހޭނެ ކަމެއް ނޫނެވެ. އެހެންވިޔަސް، ކޮންމެވެސް ސަބަބަކާހުރެ ދޮގެއް ހެދިއްޖެނަމަ، އެކަމާ ވަރަށް ބޮޑަށް ވިސްނެން ފަށާނެއެވެ. އަދި ބައިވެރިޔާ އެހާ ރަނގަޅަށް އުޅޭއިރުވެސް، އޭނާއަށް ދޮގުހަދައި އޮޅުވައިލެވުމުން އަމިއްލަ މީހާއަށް ކުށްވެރިކަމުގެ އިހުސާސް ކުރެވޭނެއެވެ.

އެހެންކަމުން، ބައިވެރިޔާ (ފިރިމީހާ/އަނބިމީހާ ނުވަތަ ލޯބިވެރިޔާ) އަށް ދޮގެއް ހެދުމުން، އެކަން އިހުސާސްވުމުން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ތިރީގައި މިވަނީ ވަފާތެރި މީހަކު ކަންތައްކުރާނެ ގޮތެވެ.

1. ލަސްނުވެ ކުށަށް އިޢުތިރާފުވުން

ތި ހެދީ ދޮގެއްކަން ބައިވެރިޔާއަށް އަމިއްލައަށް އެނގިގެން އައިސް އެވާހަކަ ދެއްކުމުގެ ކުރިން، އެވާހަކަ ދައްކައި ކުށަށް އިޢުތިރާފު ވާށެވެ. އަދި ތިމާއަށް ކުރެވުނީ ގޯސް ކަމެއްކަމަށް އެއްބަސްވެ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމަށްފަހު ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރާނެ ކަމުގެ ޔަޤީންކަން ދޭށެވެ.

2. އެހެން މީހެއްގެ ބޮލަށް ޖަހަން ނޫޅޭތި!

ދޮގު ހެދުނު ކަމަށް އެއްބަސް ވާއިރު، އެ ދޮގު ހަދަން މެދުވެރިވީ ބައިވެރިޔާ ކުރި ކޮންމެވެސް ކަމަކުންނޭ، ނުވަތަ އެހެން މީހެއްގެ ސަބަބުންނޭ ކިޔައިގެން އެހެން މީހުންގެ ބޮލުގައި ނާޅުވައްޗެވެ. އެކަމަށް އެއްބަސް ވާއިރު ޖުމްލު ފަށަން ވެސް ވާނީ “އަހަރެން” އޭ ކިޔައިފައެވެ. މިސާލަކަށް “އަހަންނަށް ގޯހެއް ހެދިއްޖެ” މިފަދަ ގޮތަކަށެވެ. ބައިވެރިޔާގެ ކުށެއް ދައްކައިގެން އަމިއްލަ ކުށް ފޮރުވަން އުޅޭނަމަ، މައްސަލަ ދާނީ ހައްތަހާ ގޯހުން ގޯހަށެވެ.

3. ދޮގު ފަޅާއެރުމުން އެއްބަސްވާތި

އެވާހަކަ ނުބުނެ ހުއްޓައި ބައިވެރިޔާއަށް އެހެން ގޮތަކުން އެކަން އެނގިގެން އައިސް އެހުމުން، ނަމަނަމަ އިތުރު ދޮގެއް ނުހަދައްޗެވެ. އޭގެ ބަދަލުގައި ދޮގު ހެދުނު ކަމަށް ރީތިކޮށް އެއްބަސްވެ، ދެވަނަ ފަހަރަށް ތަކުރާރު ނުކުރާނެ ކަމުގެ ޔަޤީންކަން ދޭށެވެ. އެއް ދޮގު ފޮރުވަން ވެއްޖެނަމަ، އެތައް ހާސް ދޮގެއް ހަދަން ޖެހޭނެއެވެ. އަދި އެންމެފަހުން ނުކުންނަ ނަތީޖާ މާ ގޯސްވާނެއެވެ.

4. އެކަން ރަނގަޅު ކުރަން ކަންތައް ކުރަންވީ ގޮތް އެހުން

ދޮގު އެއޮތީ ހެދިފައިކަމަށް ވުމުން، ބައިވެރިޔާ އެކަމާ ދެކެނީ ކިހިނެއްތޯ އަހައި، އެކަން ރަނގަޅު ކުރުމަށް ދެން ހަދަންވީ ކިހިނެއްކަން އޮޅުންފިލުވާށެވެ. އަދި އޭނާ ތިބާއަށް ކުރާ އިތުބާރު ގެއްލިފައިވާނަމަ، އެ އިތުބާރު އަލުން ހޯދަން ތިބާ ކުރަންވީ ކީއްތޯ އަހާށެވެ.

5. ކެތްތެރިވުން

ބޮޑު ދޮގެއް ހަދާފައި އެކަމަށް އިޢުތިރާފުވުމުން، ބައިވެރިޔާ ހިތްހަމަނުޖެހިފައި ހުރެދާނެއެވެ. އަދި އޭނާގެ ރުހުން ހޯދަން ވަރަށް ގިނައިރު ވާހަކަ ދައްކަންވެސް ޖެހިދާނެއެވެ. މީގެ އިތުރުން، ދެމީހުންގެ މެދުގައި ކުރެވޭ ކޮންމެ ޒުވާބެއްގައި އޭނާ އެ ދޮގުގެ ވާހަކަ ގެންނާނެ ކަން އެނގެންވާނެއެވެ. ނަމަވެސް މި ހުރިހާ ވަގުތެއްގައިވެސް ކެތްތެރިވެގެން ކުރިމަތިލައިފި ނަމަ، ތިބާއަށް ހެދުނު ގޯހާމެދު ހަމަ އަސްލުގައިވެސް ދެރަވާކަން އޭނާއަށް ވިސްނޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!