މަޑިފުއްޓަށް އުދައަރާ ރަށުގައި ފެންބޮޑުވެއްޖެ

މަޑި ފުއްޓަށް އުދައަރާ ރަށުގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންދަނީ މިހާރު ފެން ހިއްކުމުގެ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އުދަ އެރުމުގެ ސަބަބުން ށ ނޫމަރާގެ ބަނދަރުތެރޭގައި ހުރި އުޅަނދުތައްވެސް ވަނީ މިއަދު އެއްގަމަށް އަރުވައިފިއެވެ. އޭގެ އިތުރުން މިއަދު ވަނީ މާވަށަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ގުގުރުން އެކަށީގެން ވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6-3 ފޫޓު ހުންނާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!