ރ. ދުވާފަރުން މިއަދު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އެންމެ ފުރަތަމަ އެމީހުން ނެގެޓިވް ކަމަށް ރަށު ސިއްހީ މަރުކަރުން އެންގީ “އޮޅިގެން” ކަމަށް އާއިލާއިން ބުނެފި އެވެ.
އެ އާއިލާގެ މީހަކު ބުނި ގޮތުގައި މާލެއިން ރަށުގައި ކަރަންޓީނުވުމަށް ދެމަފިރިން ދިޔައީ އެމީހުންގެ ދެދަރިންނާ އެކުގަ އެވެ. އަދި ދެމަފިރިންނާއި އެމީހުންގެ އަންހެން ދަރިފުޅު ބައްޔަށް ނެގެޓިވްކަމަށް މީގެ ހަވަރަކަށް ދުވަސް ކުރިން އެންގި ނަމަވެސް ފިރިހެން ދަރިފުޅުގެ ނަތީޖާ އޭރު ނުލިބެ އެވެ. ފަހުން އާއިލާއިން ގުޅައި އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، މަރުކަޒުން ވަނީ އެ ފިރިހެން ކުއްޖާ ވެސް ބައްޔަށް ނެގެޓިވްކަން މީގެ ހަތަރު ވަރަކަށް ދުވަސްކުރިން އަންގާފަ އެވެ.
އެކަމަކު މިއަދު ފިރިހެން ކުއްޖާގެ އިތުރު ސާމްޕަލެއް ނަގައި، އެކުއްޖާ ބައްޔަށް ޕޮޒިޓިވްވުމާއި އެކު ކަރަންޓީނުކުރި އެ ތިން މީހުންގެ ސާމްޕަލް ވެސް ނެގި ކަމަށާއި އެއިން ދެމަފިރިން ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިގެންދިޔަ ކަމަށް އާއިލާއިން ބުނެ އެވެ.
އާއިލާއިން އިތުރަށް ބުނި ގޮތުގައި، ގޭގައި ދަމާފައި ހުރި ޓޭޕްވެސް ނައްޓާލާއި، އެމީހުން ބޭރަށް ދިއުމުގެ ހުއްދަ ސިއްހީ މަރުކަޒުން ދިނުމުން، ކަރަންޓީންވި މީހުން ވެސް ވަނީ ބޭރަށް ނުކުމެފަ އެވެ. އެގޮތުން “ފިރިހެން ދަރިފުޅާ ބައްދަލުނުވާ މީހަކު ރަށުގައި ނުހުންނާނެ” ކަމަށް އެމީހުން ބުނެ އެވެ. އަދި ކުޑަ ފިރިހެން ކުއްޖާ އިއްޔެ ހުކުރު ނަމާދަށް ވެސް ދިޔަ ކަމަށާއި މިއަދު ފަތިސް ނަމާދަށް ވެސް ދިޔަ ކަމަށް އާއިލާއިން ބުނެ އެވެ.
އޭގެ އިތުރުން އެ ގެއަކީ ވިޔަފާރިއެއް ވެސް ހިންގާ ގެެއެއްކަމުން ފިހާރައިން ވެސް އެތައް ބަޔަކާއި ދިމާވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އަދި އޮޅިގެން އެފަދަ އެންގުމެއް އެންގުމުން އާއިލާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާއިރު، އެމީހުން ވަނީ އެގޭގައި ހައި ރިސްކް މީހުން ވެސް އުޅޭ ކަމަށް ބުނެފަ އެވެ.
އާއިލާއިން ވަނީ ނަތީޖާ ނުލިބެނީސް އެމީހުން ބޭރަށް ނުކުތް ކަމަށްބުނެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެ ހުރިހާ ކަމެއް ވެސްވީ ރަށު ސިއްހީ މަރުކަޒުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރާއިރު އެކަން ސިއްހީ މަރުކަޒުން ވެސް މުޅިއަކުން ދޮގެއް ނުކުރެ އެވެ.
މިކަމާއި ގުޅިގެން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ބަހެއް އަދި ނުލިބެ އެވެ.