މިފަހަރު ކަންގަނާއަށް ވަރުގަދަ ރައްދެއް މި ދިނީ ކަރަން ޕަޓޭލް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާއެކު ބޮލީވުޑުގެ އެކި ފަންނާނުން ކުށްވެރިކޮށް ދައްކާ ވާހަކަތަކަށް ޓީވީ އެކްޓަރު ކަރަން ޕަޓޭލް ރައްދުދީފިއެވެ.

ސުޝާންތުއާ ވަރަށް ގާތް ގުޅުމެއް ކުރިން އޮތް ކަރަން ބުނި ގޮތުގައި، މީހަކު މި ދުނިޔެ ދޫކޮށްފައި ދިޔުމުން ދައްކަންވާނީ އެމީހާގެ ރަނގަޅު ވާހަކަ ކަމަށާއި، ނަމަވެސް އެއްބަޔަކު ފެންނަމުން މިދަނީ އެ މަރު ބޭނުންކޮށްގެން މުޅިން އެހެން މަޤްސަދެއް ހޯދަން އުޅޭ މަންޒަރު ކަމަށެވެ. އަދި ސުޝާންތުގެ މަރާ ގުޅުވައިގެން މީސްމީޑިއާގައި ހުއްޓުމެއްނެތި ފެތުރެމުންދާ ޙަޤީޤަތެއް ނެތް އެކިއެކި ވާހަކަތައް ކަރަން ޕަޓޭލް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. “ސުޝާންތުއާ އެއްގޮތަކަށްވެސް ގުޅުމެއް ނެތް މީހުން ކުއްލިއަކަށް މިދޭތެރެއަށް ފުންމާލައިގެން ފާޑުފާޑުގެ ވާހަކަ އެބަ ދައްކާ”، ކަރަން ބުންޏެވެ.

‘އީޓައިމްސް ޓީވީ’ އަށް ދާދި ފަހުން ދިން އިންޓަވިއުގައި ކަރަން ވަނީ ބަތަލާ ކަންގަނާ ރަނައުތަށް ވެސް ނުސީދާކޮށް ފާޑުކިޔައިފައެވެ. އެގޮތުން އޭނާ ބުނީ، އެއްވެސް ކަމަކާނުލައި ނެޕޮޓިޒަމްގެ ވާހަކަ ދައްކަމުންދާ ކަމަށެވެ. “ކޮންމެވެސް ބަތަލާއަކު މިދުވަސްވަރު ވަރަށް ގަދަޔަށް އެބަ ދައްކާ ނެޕޮޓިޒަމްގެ ވާހަކަ. އަހަންނަށް އެނގިފަ އޮތް ގޮތުގަ އެ ބަތަލާއަކީ ވެސް އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގާ ފަރާތެއް. ދެން އުފެދޭ ސުވާލަކީ އޭނާގެ ޕްރޮޑަކްޝަން ހައުސްއިން ހަދާ ފިލްމުތަކުން ކީއްވެހޭ އާ ތަރިންނަށް ފުރުސަތު ނުދެނީ؟ އަހަރެން އަދި މިވީހާ ތަނަށް ނުދެކެން އޭނަގެ ފިލްމުތަކުގަ އާ ޑައިރެކްޓަރެއް ނޫނީ އެކްޓަރެއް މަސައްކަތް ކުރަނިކޮށެއް”، ކަންގަނާގެ ނަން ހާމަނުކޮށް ކަރަން ބުންޏެވެ.

މީގެ އިތުރުން ކަރަން ބުނީ އެ ބަތަލާގެ ޕްރޮޑަކްޝަން ހައުސްގެ ހުރިހާ ކަމެއްގައި އުޅެނީވެސް ބަތަލާގެ ދައްތައާއި އާއިލާގެ އެހެނިހެން މީހުން ކަމަށެވެ. “ކީއްވެތަ ބޭރުން އައި މީހަކަށް އެ ވިޔަފާރި ހިންގަން ފުރުސަތު ނުދިނީ؟ ހަމަ މޮޅަށް ކިޔަވައިގެން ހުރި މީހަކު އިންޓަވިއު ކޮށްގެން އޭނާ އަށް ވެސް ވަޒީފާ ދެވިދާނެ ކަންނޭނގެ. އެކަމަކު އޭގެ ބަދަލުގަ އަމިއްލަ ދައްތަ އެ ހިންގަނީ އެ ވިޔަފާރި”، ކަރަން ފާހަގަކުރިއެވެ. ނަމަވެސް ކަރަން ބުނި ގޮތުގައި އެއީ ވަކި ގޯސްކަމެއް ނޫން ކަމަށާއި، އެހެނަސް ނެޕޮޓިޒަމް އަކީ ކޮންމެ ތަނެއްގައިވެސް އޮންނަ އެއްޗެއް ކަން އެނގެން ވާނެ ކަމަށެވެ.

“މިސާލަކަށް މިއަދު އަހަރެންގެ ބައްޕަ ވިޔަފާރިއެއް ފައްޓާ ނަމަ އެ ވިޔަފާރި ބަލަހައްޓަން ދޭނީ އަހަރެންގެ އަތަށް”، ނެޕޮޓިޒަމް އަކީ އާއްމު އެއްޗެއް ކަމަށްބުނެ ކަރަން މިސާލު ދެއްކިއެވެ. މީގެ އިތުރުން ކަރަން ބުނީ އެއްވެސް ގޮތަކަށް ނެޕޮޓިޒަމް ނޯންނަ ނަމަ އެއީ ހައިރާންވާން ޖެހޭވަރުގެ ކަމެއް ކަމަށެވެ. “މީހަކު ބުރަކޮށް މަސައްކަތްކޮށް، ފައިސާއާއި ކާމިޔާބީ ހޯދާފަ އެ އެއްޗެހި ފަހުން ހަވާލު ކުރާނީ އަމިއްލަ ދަރިންނަށް ދޯ؟ ހަމަ ގައިމުވެސް ގެ ކައިރީ އަވަށްޓެރިންނަށް ނުވަތަ ބޭރު އެހެން މީހަކަށް ނުދޭނެ”، ކަރަން ބުންޏެވެ.

ނަމަވެސް، ނުފޫޒުގަދަ ފިލްމީ ތަރިންގެ ދަރިންނަށް މާ ފަސޭހައިން ފިލްމުތަކުން ފުރުސަތު ލިބޭތީ ކަރަން ވެސް ބައެއް ފަހަރު އެކަމާ ހިތްހަމަނުޖެހޭ ކަމަށް ބުންޏެވެ. “އެހެންވިޔަސް އެއީ އެމީހެއްގެ ނަސީބު ހުރި ގޮތް. ފިލްމީ އާއިލާއަކަށް ނިސްބަތްވުމާ ނުވުން އެއީ އަހަރެމެންގެ އަތްމަތީގަ އޮތް ކަމެއް ނޫން. ކިތައްމެ މޮޅު އާއިލާއަކުން އަޔަސް އިންޑަސްޓްރީގަ ކާމިޔާބުވެސް ނުވެދާނެ. ފިލްމު އިންޑަސްޓްރީގަ ދެމިހުރެވޭނީ ހުނަރު ހުރެގެން”.

ސްޓާ ޕްލަސް އިން ދައްކާ “ކަސޯޓީ ޒިންދަކީ ކީ” ގައި މިހާރު ބަޖާޖުގެ ރޯލު ކުޅެމުންދާ ކަރަން އަކީ ޓީވީ އިންޑަސްޓްރީގައި ވަރަށް އާއްމު މޫނެކެވެ. ކަސޯޓީގެ ކުރިން ކަރަން ކުޅުނީ ހަމަ ސްޓާ ޕްލަސް އިން ދެއްކި ކާމިޔާބު ސިލްސިލާ “ޔޭ ހޭ މޮހައްބަތޭ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!