ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ހަދާ ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަކުރެވޭ ކަމަށާއި އެކަމާ ގުޅިގެން ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ދިމާވެފައި ތިބި މީހުން ދެނެގަނެ، އެމީހުން 14 ދުވަސް ވަންދެން ކަރަންޓީނުކޮށް، އެ މުއްދަތު ހަމަވުމުން ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އަދި ދުނިޔޭގައި ވެސް ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދީގެން އަޅާ އެއް ފިޔަވަޅަކީ ރަނގަޅަށް ކޮންޓެކްޓް ޓްރޭސިން ހެދުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިފަހަކަށް އައިސް ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އިތުރު ބަޔަކު ބައްޔަށް ހުށަހެޅުމުގެ މަގުފަހިވެގެންދާނެ ކަމަށާއި އަދި ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ވެސް ފުރިހަމައަށް އަދާ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ، ރަނގަޅު މައުލޫމާތު ދެއްވުމަށް ޑޮކްޓަރު ވަނީ އެދިވަޑައިގެންފައެވެ.