ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންނާއި ފްލޫ ކުލިނިކަށް ދައްކާ މީހުން ބޮޑުތަނުން ގިނަވެއްޖެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އަލީ ލަތީފް ވިދާޅުވީ މިދިޔަ މަހު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެޑްމިޓް ކުރަން ޖެހުނީ %4 މީހުން ކަމަށެވެ.
“ސްޓެޓިސްޓިކްސް އަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް އިތުރު ވާން ފަށައިފި. މިދިޔަ މަހު %4 މީހުން އެޑްމިޓް ކުރަން ޖެހުނު. ނަމަވެސް މިހާރު އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު %15 އަށް އަރައިފި. އަދި ދިވެހިންގެ ތެރޭގައި ތަފާތު ބަލި ތަކުގެ މީހުންގެ އަދަދު އިތުރު.” ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ލޮކްޑައުންއަށް ދިން ލުއިތަކާއި އެކު މަގުމަތިން ފެންނަނީ އެންމެ އެކަށީގެންވާ މަންޒަރުތަކެއް ނޫން ކަމަށެވެ. އެންމެ ފުރަތަމަ ދިން ލުޔާއެކު މާސްކު އަޅާ މީހުންގެ އަދަދު އިތުރުވިޔަސް މިހާރު މާސްކުނާޅާ ބޭރުގައި އުޅޭ މީހުން އަދަދު އިތުރުވާން ފަށައިފި ކަމަށް ޑރ. ވިދާޅުވިއެވެ.
ގައިދުރުކަން އެއްވެސް ވަރަކަށް ބެލުމެއްނެތި އެކި ތަންތަނުގައި މީހުން ޖަމާވަމުންދާތީވެ އެކަމަށް އިޝާރާތް ކުރައްވާ ޑރ. ލަތީފް ވިދާޅުވީ، ބަލި އިތުރަށް ފެތުރިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ދިވެހިންގެ ތެރެއިން ބަލި ޖެހޭ ގިނަ މީހުންނަކީ އެހެން ބަލިތައްވެސް ޖެހިފައިވާ މީހުންނަށްވާތިވެ އެމީހުންނަށް ބަލީގެ ނުރައްކާ ބޮޑުކަމަށެވެ.
އޭގެއިތުރުން ރޯގާ ޖެހިގެން ފްލޫ ކްލިނިކަަށް ދައްކާ މީހުންގެ އަދަދުވެސް ވަނީ މިހާރު އިތުރާވާން ފަށާފައެވެ. ފާއިތުވި ދެ ދުވަހު އެކަނިވެސް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ ތެރެއިންވެސް ގިނަ މީހުންނަކީ ދިވެހިންނެވެ. ޕޮޒިޓިވްވާ ބިދޭސީންގެ އަދަދު ދަނީ މަދުވެފައެވެ.