ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ޕޮޒިޓިވްވެ މުޅި ރަށް މޮނިޓަރިންއަށް

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުޅި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ދުވާފަރު ކައުންސިލުގެ ރައީސް އިބްރާހީމް ނަސީރު ވިދާޅުވީ، ޕޮޒިޓިވްވީ އެއް އާއިލާގެ ތިން މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން މީހަކާއި އޭނާގެ ފިރިމީހާގެ އިތުރުން އެމީހުންގެ ފިރިހެން ދަރިފުޅެވެ. 

ނަސީރު ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީންވުމަށް 11 މީހަކު ދިޔަ އެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން، އެމީހުންގެ ސާމްޕަލް ނަގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފޮނުވި ކަމަށާއި އެމީހުން ނެގެޓިވް ކަމަށް ބުނެ، ދޫކޮށްލިޔަސް އެންމެ ރަނގަޅު ކަމަށް ބުނުމުން މީގެ ދެ ދުވަހެއް ކުރިން އެންމެން ވަނީ ކަރަންޓީނުން ދޫކޮށްލާފައި ކަމަށް ވިދާޅުވި އެވެ. 

ނަސީރު އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެވެސް ޝައްކުތަކެއް އުފެދި، އެޗްޕީއޭ އިން ވަނީ ވީއެންމެ އަވަހަކަށް އަލުން އެ އާއިލާގެ ހަތަރު މީހުންގެ ސާމްޕަލް ނަގަން އަންގާފަ އެވެ. އަދި އެއާއެކު އޭގެ ތެރެއިން ތިން މީހުން ޕޮޒިޓިވްކަން އެނގިގެންދިޔަ ކަމަށް ވިދާޅުވި އެވެ. 

ނަސީރު ވިދާޅުވީ، އެމީހުން ދޫކޮށްލުމުން އެވީ ދެ ދުވަހުގެ ތެރޭގައި 200 އެއްހާ މީހުންނާއި ބައްދަލުކޮށްފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ފިހާރަތަކަށް ވެސް ގޮސްފައިވާ ކަމަށާއި އާއިލާގެ މީހުންނާއި ވެސް ބައްދަލުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

އެރަށުން ތިން މީހުން ޕޮޒިޓިވްވުމާއެކު ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށް ނަސީރު ވިދާޅުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!