ރާއްޖޭގައި “އަޑީ ދައުލަތެއް” ހިންގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އިންޒާރު ދެމުންދާ ކަމަށް ވިދާޅުވެ، އެ ދައުލަތް ހޯދަން ގޮވާލައި، މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ފޮނުއްވައިފިއެވެ.
ޖާބިރު މިއަދު މަޖިލިހަށް ފޮނުއްވި ކުއްލި މައްސަލައިގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އަޑީ ދައުލަތުގެ ބާރު ރާއްޖޭގައި ވަކި ހިއްޕަމުންދާ ކަމަށެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުތަކުގައިވެސް އަޑީ ދައުލަތުގެ ބިރުވެރިކަން ވަޒަން ކުރެވިފައިވާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.
ޖާބިރުގެ ކުއްލި މައްސަލައިގައި އަޑީ ދައުލަތޭ ވިދާޅުވި ނަމަވެސް، މީގެކުރިން ނަޝީދު ސިފަ ކުރައްވާފައިވާ ގޮތުން ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގަމުން ދަނީ “އަނދިރި ދައުލަތަކެ”ވެ. އެ ދައުލަތުން ފުލުހުންނާއި ސިފައިންނާ ބައިއަތު ހިފާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވާފައިވެއެވެ.
އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އަނދިރި ދައުލަތެއް ހިންގާ ކަމަށާއި ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބަކީ އެ ދައުލަތް ކަމަށެވެ.
ޖާބިރުގެ ކުއްލި މައްސަލައިގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި މަޖިލީހުގެ 20 މެންބަރަކަށް ލާދީނީ ބައެއްގެ ތުހުމަތުކޮށް، އެ އަޑީ ދައުލަތުން މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.