މަމްސް އެންޖީއޯގެ ފަރާތުން މި ހިނގާ ޖުލައި މަހުގެ 22 އިން ފެށިގެން މި މަހުގެ ނިޔަލަށް ”މަމްސް އޮންލައިން އެކްސްޕޯ 2020“ ގެ ނަމުގައި އޮންލައިން އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ، ކޮވިޑް-19 ގެ މި ބަލިމަޑުކަމާ ދިމާކޮށް މުޅި ދުނިޔެއަށް މިއައި ބަދަލުތަކާއި ގުޅިގެން، ގިނަ ވިޔަފާރިތަކަށް ގެއްލުން ލިބިފައިވާ މި ދަނޑިވަޅުގައި، އެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މަމްސް އިން ބުނެއެވެ. މީގެ އިތުރުން މި އެކްސްޕޯ ބޭއްވުމުގެ ބޭނުމަކީ މި ދަނޑިވަޅުގައި، ކަސްޓަމަރުންނަށް ވެސް ގޭގައި ރައްކާތެރި މާހައުލެއްގައި ތިބެގެން ތަކެތި ބައްލަވައިގަތުމަށް ހިތްވަރު ދީ ބާރު އެޅުމަށް މަގު ފަހިކޮށް ދިނުން ކަމަށް އެ އެންޖީއޯއިން ބުނެއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ކޮންމެ ވިޔަފާރި އަކުން ވެސް ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މަމްސް އެންޖޯއޯ ފޭސްބުކް ޕޭޖްގައި 18،000 ޕްލަސް އަދި ފޭސްބުކް ކްލޯޒްޑް ކޮމިއުނިޓީގައި 33،000 ޕްލަސް އެކްޓިވް މެމްބަރުން ހަރަކާތްތެރިވެއެވެ.