ބޮސްނިއާގެ ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށްލާ ހިންގި ބޮޑު ޤަތުލްއާމުފަދަ އިންސާނިޔާތާއި ޚިލާފު އަމަލެއް ތަކުރާރުވިޔަދީގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މީގެ 25 އަހަރުކުރިން ބޮސްނިއާގެ ސަރބަނިކްސާ އަވަށުގައި ސަރބިއާގެ ޕެލެމިލިޓަރީ ސިފައިން ހިންގި ޤަތުލްއާމަށް 25 އަހަރު ފުރުމާއި ގުޅިގެން ރައީސިލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ މި ޤަތުލްއާމްގައި މަރާލި ކުށެއްނެތް 8000ހަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ފިރިހެންކުދިންގެ މަތިން ހަނދާން އައު ކުރައްވާފައެވެ. އަދި މީގެ އިތުރުން މި ޤަތުލުއާމުގެ ތެރޭގައި މުސްލިމް ކުޑަކުދިންނާއި އަންހެނުންނަށް އިހާނެތިކޮށް ހިތާ ސާރބިއާގެ ސިފައިން ހިންގި ނަސްލު ނައްތާލުމުގެ އަމަލު ހުއްޓުވުމަށް ދުނިޔެ ނާކާމިޔާބުވުމަކީ ހިތާމަކުރައްވާކަމެއްކަމަށް ވިދާޅުވިއެވެ.
މި ޤަތުލުއާމް ހުއްޓުވުމުގައި އދ އަދި މުޅިދުނިޔެއިންވެސް ނާކާމިޔާބުވެފައިވާއިރު، މިފަދަ ޙާލަތެއް މިހާރު ކުރިމަތިވިޔަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އެގޮތުން މި ޤަތިލުއާމުގައި ޝަހީދުވި މުސްލިމުންގެ ހައްޤުގައިވެސް، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ބޮސްނިއާގައި ހިންގި މި ޤަތުލްއާމްއާއި ދެކޮޅަށް ދިވެހިރާއްޖެއިން ވަނީ އެކިފަހަރުމަތިން އަޑުއުފުލާފައެވެ. އެގޮތުން ބޮސްނިއާގެ މުސްލިމުންނަށް އެހީވުމަށް ފަންޑެއްވެސް ޤާއިމުކޮށްގެން ވަނީ އެހީ ފޯރުކޮށްދީފައެވެ.