ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ބައެއްތަކެތި މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓަރ އޮފް ހެލްތުއާއި ޙަވާލްކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.
މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ޤާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި 10،000 ޓެސްޓްކުރެވޭ ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިއަދު ޙަވާލުކުރެވުނު އައި.ސީ.ޔޫ އާލާތްތަކާއިއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައި.ސީ.ޔޫތައް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ލިބެމުންއަންނަ އެހީތެރިކަމުގެ ތަފްޞީލްތައް ޙިއްސާކުރައްވައި އެޖަމިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ޢަރުވިންދު މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރުމަށް ޞިއްޙީ އިދާރާތަކުން ދޭއިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ ޢަމަލުތައް ބެހެއްޓެމުން ގޮވާލައްވާފައެވެ.