ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވުމުން އަލީގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

މަގާމުން ވަކި ކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވުން ވެސް އިސްތިއުފާ ނުދެއްވުމުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖޭޕީގެ ކައުންސިލަށް ހުށަހަޅައިފިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އަލީ ވަހީދުގެ ކިބައިން ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އޭނާގެ ކިބައިން އެގޮތަށް ގާސިމް އެދިވަޑައިގެންފައި މިވަނީ އަލީ ވަހީދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި ވާތީއެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އިސްތިއުފާދެއްވުމަށް އަލީ ވަހީދު ދެކޮޅު ހައްދަވަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިރޭގެ ވަގުތެއްގައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ކައުންސިލަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރެއްވުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވާފައި ނުވާތީ ރައީސް ސޯލިހު މިއަދު ވަނީ އަލީ ވަހީދު މަގާމުން ވަކި ކުރައްވާ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ހަވާލުކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!