ޖިންސީ ގޯނާގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަންޖެހޭ: ރައީސް

ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަންޖެހޭ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ އާބާދީ ދުވަހާ ބައްދަލުކުރިއިރު، ދުނިޔޭގެ އާބާދީ އަރައި ހަމަކޮށްފައި މިވަނީ، އިންސާނީ ތާރީޚުވެސް ނުދެކޭފަދަ، ނުރައްކާތެރި ކޮވިޑް-19 ގެ ބިރުވެރި ދުވަސްތަކަކާ ކަމަށެވެ. އެގޮތުން މިއަހަރުގެ އާބާދީ ދުވަހުގެ ޝިޢާރުވެސް އަމާޒުކޮށްފައިވަނީ، މި ބަލީގެ ނުރައްކަލުން، ދުނިޔޭގެ އާބާދީ ރައްކާތެރިކުރުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ އާބާދީ ދުވަހަށް، އދ.ގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވަނީ “ކޮވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ ކިހިނެއް؟” މި ޝިޢާރެވެ.

އެގޮތުން މި ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ކަމަށާއި ރާއްޖޭގައިވެސް ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުން ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމަށާއި ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވިކަން ރައީސް ފާހަގަކުރެއްވިއެވެ.

“ޞިއްޙީ ޚިދުމަތުގެ ނިޒާމަށްވެސް މިއީ ވަރަށް ބާރު ބޮޑު ދުވަސްވަރެކެވެ. އޭގެ ސަބަބުން ޢާންމު ޞިއްޙަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ހަމައެފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް، ވަރަށް ނޭދެވޭ އަސަރުތައް ދަނީ ފޯރަމުންނެވެ. ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެއްޖެއެވެ. މިއީ ޚާއްޞަ އިސްކަމެއް ދީގެން ޙައްލުކުރަން ޖެހިފައިވާ ކަންކަމެވެ” ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!