މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމުގައިވާ “އެމިރޭޓްސް” އިން 9000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.
ކޯވިޑްގެ ކުރިން 60 ހާސް މުވައްޒަފުން އެމިރޭޓްސްގައި މަސައްކަތްކުރަމުންދިޔައިރު، މިއީ އެމިރޭޓްސްއިން މުވައްޒަފުން މަދުކުރުމަށް ނިންމާ، އެކަން އިޢުލާންކުރި ފުރަތަމަ ފަހަރެވެ.
އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް ބުނީ މީގެކުރިންވެސް ބައެއް މުވައްޒަފުން މަދުކޮށްފައިވާކަމަށާއި ނަމަވެސް އަދިވެސް އިތުރު މުވައްޒަފުން މަދުކުރަންޖެހޭކަމަށެވެ. އެގޮތުން އެއަރލައިންގެ 15 އިންސައްތަ މުވައްޒަފުން ނުވަތަ 9 ހާސް މުވައްޒަފުން ވަކިކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑްގެ ސަބަބުން ބައެއް އެއަރލައިންތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހުނަސް، އެމިރޭޓްސްގެ ރައީސް ވިދާޅުވީ އެހެން އެއަރލައިންތަކާ އަޅާބަލާއިރު އެމިރޭޓްސްއަށް ލިބުނު ގެއްލުން ކުޑަކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަ އެއް އިންޑަސްޓްރީ އަކީ ވައިގެ ދަތުރުފަތުގެ އިންޑަސްޓްރީ އެވެ. ދުނިޔޭގެ އެހެން ބައެއް އެއާލައިންތަކުން ވެސް މިހާރު ގެންދަނީ މުވައްޒަފުން މަދު ކުރަމުންނެވެ. މުވައްޒަފުން މަދުކުރަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި ބްރިޓިޝް އެއާވޭސް، ރަޔަންއެއާ ފަދަ އެއާލައިންތައް ހިމެއެވެ.