ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

ހއ. ކެލާ ބަނދަރު ބޮޑުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީ އިން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު މިމަހުގެ 9 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގައި ސޮއިކުރެވިފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމާއި، 768،12 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 30 މީޓަރު ތޮއްޓެއް ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއު ގެ ދަށުން ހިންގާފައި ވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހެވެ. އަދި މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 410 ދުވަހެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުގެ މަސައްކަތްކާއި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދާ އެކި ކަހަލަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ތެރެއިން ހއ. އަދި ހދ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، ކެލާ، ހަނިމާދޫ އަދި ނެއްލައިދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަގެންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!