ގޭމްގެ މުވައްޒަފަށް ކުރިމަތިވި ޖިންސީ ގޯނާގެ ވާހަކަ ހިއްސާކޮށްފި

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އިދާރީ ބައިގައި މި އަހަރު މާޗުން ފެށިގެން މަސައްކަތް ކުރަމުންދިޔަ އަންހެނަކަށް އެތަނުގެ ވެރިއެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ތަފްސީލު އެ އަންހެން މީހާގެ ފޭސްބުކުގައި ހިއްސާކޮށްފިއެވެ.

އެ އަންހެން މީހާ ހިއްސާކުރި ޕޯސްޓުގައި ބުނީ، އޭނާ ގޭމްގެ ވަޒީފާއަށް ދާން ފެށީ މީގެ ކުރިން ސަރުކާރުގެ ވަޒީފާއެއްގައި އުޅުމަށްފަހު، އެ ވަޒީފާއިން އިސްތިއުފާ ދިނުމަށްފަހުގައި ކަމަށެވެ. އަދި އޭރު ވަޒީފާއެއް ހޯދަމުން ދަނިކޮށް، ގޭމްގައި އެޑްމިނިސްޓަރެއްގެ ވަޒީފާ އޮތްކަން އެނގުނީ އެތަނުގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ ގެ ފަރާތުން ކަމަށް ބުންޏެވެ. “އަދި މި ވަޒީފާގެ ކަންކަން ހަމަޖެހުމުގައި ވެސް ސައުދުﷲ ގެ ވަރަށް ބޮޑު އެހީތެރި ކަމެއް ލިބިގެން ދިޔައެވެ”، އޭނާ ލިޔެފައިވެއެވެ.

އެހެންނަމަވެސް އަންހެން މީހާ ބުނީ، އެކުވެރިއަކަށް ވީތީ ސައުދުﷲ އެވެދިން އެހީތެރިކަމުގެ ބަދަލުގައި ކަންތައްތަކެއް ކޮށްދޭން ޖެހިދާނެ ކަމަށް އޭރު އެނގިފައި ނެތް ކަމަށެވެ.

އޭނާ ވަޒީފާއަށް ދާ ގޭމްގެ އޮފީސް އިންނަނީ، ސައުދުﷲ ގެ “ތްރީ އިން” ގެސްޓް ހައުސްގެ އޮފީސް ހިންގާ ތަނުގައި އަދި ސައުދުﷲ ދިރިއުޅޭ އެޕާޓްމަންޓުގައި ކަމަށްވާތީއާއި، ސައުދުﷲ ގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކަށް ވީތީ ކޮންމެ ދުވަހަކު ވެސް ސައުދުﷲ އާ ދިމާވާ ކަމަށެވެ. “އަދި މި ދިމާވުމުގެ ތެރޭގައި ރަސްމީ އޮފީސް ގަޑީގައާއި ގަޑިން ބޭރުގައި ސައުދުﷲ ވަނީ ލިބުނު ކޮންމެ ފުރުސަތެއްގައި އަޅުގަނޑުގެ ޖިންސީ ގުނަވަންތަކުގައި އަތްލައި، އަދި އަތްލާން މަސައްކަތްކޮށް، ގައިގެ އެކި ތަންތަނުގައި އަތްލައި ހުތުރު އެއްޗެހި ކިޔައި، ސައުދުﷲ ކޮށްދިން ކަންކަމުގެ ބަދަލުގައި ކަމެއް ކޮށްދޭން ޖެހޭކަމަށް ޑިމާންޑު ކުރަމުންނެވެ”، އެ އަންހެން މީހާ ލިޔެފައިވެއެވެ.

ހަމައެހެންމެ، ސައުދުﷲ ވެދިން އެހީގެ ބަދަލުގައި އޭނާ ބޭނުންވާ ކަންތައް ނުކޮށްދެވޭ ނަމަ، އެހެން އަންހެނަކު ހޯދައިގެން ވިޔަސް ކޮށްދޭން ޖެހޭނެކަމަށް ބުނަމުން ދިޔަކަމަށް އަންހެން މީހާ ބުންޏެވެ. އެއާއެކު، އެއިން ކޮންމެފަހަރަކު އެ އަންހެން މީހާ އެކަމަށް އިންކާރުކޮށް، އެގޮތަށް ކަންތައް ނުކުރުމަށް އެދިފައިވާނެ ކަމަށް ބުންޏެވެ. ނަމަވެސް ސައުދުﷲ ވަނީ އެ އަޑު ނާހައި، އޭނާގެ އަމަލުތައް ކުރިއަށް ގެންގޮސްފައި ކަމަށް ބުންޏެވެ.

ސައުދުﷲ އެ އަންހެން މީހާއަށް ރޭގަނޑު ދަންވަރު ގުޅައިގެން ވެސް ހުތުރު ވާހަކަ ދައްކަން މަސައްކަތް ކުރާ ކަމަށާއި، ކަންތައްތައް މިހާ ހިސާބަށް ދިޔުމުން އަންހެން މީހާ ނިންމީ ވަޒީފާއިން އިސްތިއުފާ ދޭން ކަމަށް ބުންޏެވެ. ނަމަވެސް އިސްތިއުފާ ދޭން ވިސްނަމުން ދިޔަ ދުވަސްކޮޅު ކޮވިޑް-19 ގެ ސަބަބުން އޮފީސް ބަންދުކުރުމުން، ގޭގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔުމުން ވަޒީފާގައި ދެމިހުރުމަށް ނިންމީ ކަމަށްވެސް ބުންޏެވެ.

“ގޭގައި ހުރެގެން މަސައްކަތްކުރި 3 މަހު އޮފީސް ޓާސްކު ހަވާލުކުރަން އޮފީސް ކަންކަމުގައި ގުޅައިގެން ވެސް ޗާންސެއް ލިބޭ ކޮންމެ ފަހަރަކު ހުތުރު ވާހަކަ ދެއްކުން ހުއްޓާ ނުލުމުން، ދެން އޮފީސް ވާހަކަ ނޫން ވާހަކައެއް ދައްކާނަމަ ވަގުތުން ފޯނު ކަނޑާލެނޭ ކަމަށް ބުނީމެވެ”، އަންހެން މީހާ ލިޔެފައިވެއެވެ. ނަމަވެސް ރޯދަ މަސް ތެރޭގައި ވެސް ހަމަ އެކަންތައް ކުރިއަށް ގެންދިޔުމުން، އަންހެން މީހާ ވަނީ ސައުދުﷲ ގެ ކޯލުތަކަށް ޖަވާބުނުދީ، އޮފީހުގެ މަސައްކަތްތައް މެސެޖު މެދުވެރިކޮށް ފޮނުވުމަށް އެދިފައެވެ. އަދި ބައެއް ފަހަރު ފޯނަށް ޖަވާބުދޭ އިރުވެސް، މަސައްކަތާ ނުގުޅޭ ވާހަކަ ދައްކާއިރަށް ފޯނު ކަނޑާލަމުން ދިޔަކަމަށް އޭނާ ބުންޏެވެ.

“މިހެން ކަންތައް ކުރުމުން ގޭމް ގެ އެކްސްކޯ މެމްބަރުންގެ ތެރޭގައި ސައުދު ވަނީ އަޅުގަނޑު މިހާރު ވަރަށް ފަރުވާކުޑަ ވެއްޖެ ކަމަށާއި، ވަޒީފާއިން ވަކިކުރަން ވީ ކަމުގައި ވާހަކަ ދައްކާފައެވެ”، އޭނާ ލިޔެފައިވެއެވެ. އެއާއެކު، ލޮކްޑައުން ނިމި އޮފީސްތައް ހުޅުވޭ ވާހަކަ ދެކެވެމުންދިޔުމުން، އަންހެން މީހާ ވަނީ ޖޫން 17 ގައި ސައުދުﷲ ގެ އަމަލުތަކުގެ ވާހަކަ ގޭމްގެ އެކްސްކޯ މެމްބަރަކާ ހިއްސާކޮށްފައި ކަމަށް ބުންޏެވެ.

އަދި ސައުދުﷲ ގެ އަމަލުތަކާ ހެދި ގޭމްގެ އޮފީސް މާޙައުލަކީ މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނެއް ކަމުގައި ނުދެކޭތީ، ޖޫން މަހުގެ ނިޔަލަށް ވަޒީފާ އަދާކުރުމަށްފަހު އިސްތިއުފާ ދިނުމަށް ނިންމި ކަމަށް އެ އަންހެން މީހާ ކިޔައިދިނެވެ. ނަމަވެސް އިސްތިއުފާ ސިޓީ ލުމުގެ ކުރިން ގޭމްގެ އެކްސްކޯ މެމްބަރުންގެ ފަރާތުން އެވާހަކަ އޮފީހުގައި ހިލިގެން ދިޔަ ކަމަށް ބުންޏެވެ. އެއާއެކު ޖޫން 29 ވަނަ ދުވަހު، ގޭމްގެ ނައިބު ރައީސް އިންތި ވަނީ އެ އޮފީހުގެ އެޑްމިން ވަޓްއެޕް ގްރޫޕުގައި ސައުދުﷲ ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ގޮވާލައި، އިސްތިއުފާ ނުދޭނަމަ ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ.

އެހިސާބުން ސައުދުﷲ އެތައް ފަހަރެއްގެ މަތިން އެ އަންހެން މީހާގެ ނަންބަރަށް ގުޅަމުން ދިޔަ ކަމަށް އަންހެން މީހާ ބުނެފައިވެއެވެ. “ދެން އެރޭ ފޯނަށް ޖަވާބު ދިނުމުން ރޮއެގަނެފައި ބުނީ މި ފޯން ކޯލު ރިކޯޑު ކުރިޔަސް ހެޔޮ ކަމަށާއި، ތިމަންނަ މިވަރު ބޮޑު ލަދެއްގެ ތެރޭގައި އެންމެންނާ ފޭސް ކުރާނީ ކިހިނެއް ހޭ، އަމިއްލައަށް މަރުވާނީއޭ”، އަންހެން މީހާ ލިޔެފައިވެއެވެ.

އަދި އޭރު ސައުދުﷲ ބުނި ގޮތުގައި އޭނާ ހުރީ އޭނާގެ ހޮޓެލްގެ ޓެރަސް މަތީގައި ކަމަށާއި، އަންހެން މީހާ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ވަޓްސްއެޕް ގްރޫޕުގައި ނުލިޔެއްޖެނަމަ، އެތާ މަތިން ފުންމާލައިގެން މަރުވާނެ ކަމަށް ބުނި ކަމަށްވެސް އަންހެން މީހާ ކިޔައިދެނެވެ. އެއާއެކު އަންހެން މީހާ ވަނީ އެ މައްސަލައާ ބެހޭގޮތުން ފިޔަވަޅު އަޅާނީ އަމިއްލައަށް ކަމަށް ވަޓްސްއެޕް ގްރޫޕުގައި އަންގާފައެވެ.

ނަމަވެސް އޭގެފަހުން ވެސް ސައުދު ގުޅައި، ދެން ކަންތައް ކުރަންވީ ގޮތް ކިޔައިދެމުންދާތީ، އަންހެން މީހާ ވަނީ ސައުދުގެ ނަންބަރު ޖުލައި އެކެއްގައި ބްލޮކް ކޮށްލާފައި ކަމަށް ބުންޏެވެ. އަދި އަންހެން މީހާ ވަޒީފާއިން އިސްތިއުފާ ދިނުމަށް އެކި މީހުން ލައްވައި ވިސްނައިމެދުންދިޔަ ކަމަށް ބުންޏެވެ. އެގޮތުން، އަންހެން މީހާގެ އާއިލީ ކުއްޖެއްގެ ކައިރީގައި ވަނީ އަންހެން މީހާއަށް ގެއްލުމެއް ދޭން ޖެހިދާނެ ކަމަށްބުނެ ބިރު ދައްކާފައި ކަމަށްވެސް ބުންޏެވެ.

“އަދި އެހެން މީހެއް ލައްވައި ވެސް ނަސޭހަތުގެ ގޮތުގައި މީތި ހަޑި ނުކުރުމަށް ބުނެ އިސްތިއުފާ ދިނުމަށް ވަނީ ބުނެފައެވެ. މިހެން މިކަން ވުމުން އަޅުގަނޑުގެ މައްސަލަ އޮއްބައިލަން އުޅޭހެން ހީވެގެން ޖޫން މަހު އިސްތިއުފާ ނުދީ ހުރީމެވެ”، އޭނާ ލިޔެފައިވެއެވެ.

އޭގެފަހުން ގޭމްގެ ރައީސް ނާސިހް މޫސާ ވަނީ ގޭމްގެ މެމްބަރުންގެ ތެރެއިން އިންޓާނަލް ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަ ބަލަން ފަށާފައި ކަމަށް ބުންޏެވެ. އަދި އެ އަންހެން މީހާ ވެސް ވާނީ އެ ކަންތައް ހިނގައިދިޔަ ގޮތް އެ ކޮމިޓީއާ ރަނގަޅަށް ހިއްސާކޮށްފައި ކަމަށް ބުންޏެވެ. “އަޅުގަނޑު ވަކި މީހަކަށް ގެއްލުމެއް ދޭން ވަކި ގޮތަކަށް ކަންކަން ކުރަން ބޭނުން ނުވާ ކަމަށާއި، ހަމައެކަނި ޑިމާންޑަކީ ދެން މިފަދަ ކަމެއް ގޭމް އަށް އަންނަ މުވައްޒަފަކަށް މެދުވެރިވެގެން ނުދާނެ ގޮތަކަށް ކަންކަން އިންތިޒާމު ކޮށްދިނުން ކަމުގައި ދެންނެވީމެވެ”، އަންހެން މީހާ ލިޔެފައިވެއެވެ.

ގޭމްގެ އިންޓާނަލް އެފެއާޒް ކޮމިޓީއިން އަންހެން މީހާއާ އިންޓަވިއު ކުރުމަށްފަހު ނިންމީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ސެކެޓްރީ ޖެނެރަލްގެ މަޤާމުން ސައުދުﷲ ސަސްޕެންޑު ކުރުމަށެވެ. ނަމަވެސް ސައުދު ވަނީ އަންހެން މީހާ ދެއްކި ހުރިހާ ވާހަކައެއް ދޮގުކޮށް، އޭނާގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވާފައި ކަމަށް ބުންޏެވެ. އަދި އެ މައްސަލަ ނުބެލޭނެ ގޮތަށް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ސައުދު މަސައްކަތް ކުރަމުންދާތީ، އެކަމާ ހިތްހަމަނުޖެހިގެން ގޭމްގެ ރައީސް ނާސިހް ވަނީ މަޤާމުން އިސްތިއުފާ ދީފައި ކަމަށް އަންހެން މީހާ ބުންޏެވެ.

ސައުދު އަކީ އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސް އަދި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރަކަށް ވާތީ އެ މައްސަލަ އެކި ގޮތްގޮތުން އޮއްބައިލަން އުޅޭ ކަމަށް އަންހެން މީހާ ތުހުމަތުކޮށްފައިވެއެވެ. އަދި މީގެ ކުރިންވެސް ސައުދުގެ ހޮޓެލްގެ ވަޒީފާއަކަށް ގެނައި އަންހެން ކުއްޖަކު ސައުދު ރޭޕުކުރި ކަމަށާއި، އެކުއްޖާ އެވާހަކަ ދެއްކުމުންވެސް އެކުއްޖާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވުމަށްފަހު މައްސަލަ އޮއްބައިލީ ކަމަށް ބުންޏެވެ.

ކޮންމެއަކަސް، އަންހެން މީހާ ބުނި ގޮތުގައި، އޭނާގެ ވާހަކަ ދޮގުކުރަމުން ދާތީ މިހާރު ވާނީ ފުލުހުންނަށް ބަޔާންދީ މައްސަލަ ހުށަހަޅާފައެވެ. މިއީ ދައްކަން ހަޑި ވާހަކަ އަކަށް ވެގެން ނުވަތަ މަޖުބޫރީ ހާލަތެއް އޮވެގެން މިކަހަލަ ކަންކަން އަޅާނުލައި ދޫކޮށްލަމުން ދިޔުމުގެ ސަބަބުން މިފަދަ ކަންކަން ވަނީ މުޖުތަމަޢުގައި ވަރަށް އާއްމުވެފައި ކަމަށް އެ އަންހެން މީހާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެއެވެ.

ޕޯސްޓު ނިންމައިލަމުން އަންހެން މީހާ ބުނީ، ސައުދުގެ ފަރާތުން އެފަދަ ކަމެއް ދިމާވެފައިވާ އެހެން މީހަކު ހުރިނަމަ އޭނާއަށް އިންބޮކްސް ކުރުމަށެވެ. އަދި އެކަމުގައި އޭނާގެ ވާހަކަ ޤަބޫލުކޮށް އޭނާއާ އެއްކޮށް ތިބި ގޭމްގެ ރައީސް ނާސިހް މޫސައާއި އެކްސްކޯގެ މެމްބަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ބެލޭނެ މާޙައުލެއް ނެތް ކަމަށް ވިދާޅުވެ، ގެސްޓް ހައުސް އެސޯސިއޭޝަންގ އޮފް މޯލްޑިވްސް ގެ ރައީސް ކަމުގެ މަޤާމުން މޫސާ ނާސިހު ވަނީ ދާދިފަހުން އިސްތިއުފާ ދެއްވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!