އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ބޭއްވި ކޮންގްރެހުން 31 މީހުން ކަރަންޓީނަށް

އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮންގްރެސްގެ ބައިވެރިއަކު ކޮވިޑަށް ޕޮސިޓިވްވުމާއި ގުޅިގެން 31 މީހަކު ކަރަންޓީނުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކުރި މީހުންގެ ތެރޭގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ހިމެނިވަޑައިގަންނަވައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު، ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ، އެފްއޭއެމްގެ އޮފިޝަލުގެ ފަރާތުން ކޮވިޑްގެ އަލާމާތް ފެނިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށާއި ނަތީޖާ ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެކަމާއި ގުޅިގެން 31 ފަރާތެއް ކަރަންޓީނުކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ވެސް އެދިފައިވާ އެދުމާއި ހިލާފަށް ޖުލައި މަހުގެ ދެވަނަ ދުވަހު އެފްއޭއެމްގެ ކޮންގްރެސް ބާއްވާފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ޖުލައި މަހުގެ އެއްވަނަ ދުވަހު އާއްމުކޮށްފައިވާ އުސޫލާއި ހިލާފަށެވެ. 

ޖުލައި މަހުގެ އެއްވަނަ ދުވަހު އެޗްޕީއޭއިން އާއްމުކުރި އުސޫލުގައި އާއްމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއް ފަހަރާ ތިރީސް މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް ބުނެފައިވެ އެވެ. އަދި މީގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ ޕާޓީތަކާއި، އަދި ރެލީ ފަދަ ހަރަކާތްތައް ހިންގުންވަނީ ކަނޑައެޅިގެން މަނާކޮށްފަ އެވެ. އެހެންނަމަވެސް އެފްއޭއެމްގެ ކޮންގްރެސް ބާއްވާފައިވަނީ މިއިން އެއްވެސް އެންގުމަކަށް ބެލުމެއް ނެތި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!