ބިދޭސީން މިއަދުވެސް މުޒާހަރާކުރަން އުޅެފި

ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި ބިދޭސީ މަސައްކަތްތެރިން މިއަދު ހަވީރު ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވުމަށް ގޮވާލައިފިއެވެ.

ރާއްޖޭގައި ބިދޭސީންނަށް މުސާރަ ނުދީ، އެމީހުންނަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ބުނެ މިއަދު ހަވީރު 4:00ގައި ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެ މުޒާހަރާ ކުރުމަށް ގޮވާލާފައި ވަނީ ސޯޝަލް މީޑިއާގައެވެ. ފޭސްބުކްގައި ހަދާފައިވާ އެގްރޫޕްގައި ގިނަ އަދަދެއްގެ ބިދޭސީން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ޕޯސްޓާއި ގުޅިގެން ރާއްޖޭގައި ހުންނަ ބަންގލަދޭޝް ހައި ކޮމިޝަނުން ބުނީ، މިފަދަ އެއްވުންތަކާއި މުޒާހަރާތައް ނުބެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ވާނަމަ އެ ކޮމިޝަނަށް ހުޅައެޅުއްވުން އެދޭކަމަށެވެ.

މީގެ އިތުރުން ވެސް މައްސަލަ ހައްލު ކުރައްވަން ކަމާ ބެހޭ ސަރުކާރުގެ ވުޒާރާތަކަށްވެސް އެންގުމަށް ކޮމިޝަނުން ކުރި ޕޯސްޓުގައި އެދިފައިވެއެވެ.

އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައިވެސް 200 ވަރަކަށް ބިދޭސީން ވަނީ މުޒާހަރާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!