ތިން މަހަށްފަހު މާލޭގައި ހުކުރު ނަމާދުކޮށްފި

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައި އޮންނަތާ ތިން މަސް ފަހުން މިއަދު މާލޭގައި ހުކުރު ނަމާދުކޮށްފި އެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތުން ފެށިގެންނެވެ. އަދި 15 އޭޕްރީލްގައި މާލެއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއި އެކު މިސްކިތްތައް ބަންދުކުރިއެވެ.

މާޗު 18 އިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ނުކޮށް 12 ހުކުރު މާޒީވުމަށް ފަހު މިއަދު މިސްކިތްތައް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ހުކުރަށް ދިޔަ އެވެ. މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ހުކުރު ނަމާދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ.

ހުކުރު ކުރަން ފެށިއިރު ހުކުރު ނަމާދުގެ ޚުތުބާ ވަނީ އާއްމު ހުކުރަކަށްވުރެ ކުރުކޮށްފައެވެ. މި ހަފްތާގެ ޚުތުބާ ޚާއްސަކޮށްފައިވަނީ “ނިޢުމަތަށް ޝުކުރުކުރުން” މި މަޢުޟޫއަށެވެ. ޚުތުބާގައި ވަނީ މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ހަދާންކޮށްދެއްވާފައެވެ. މިގޮތުން މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތްކަން ވަނީ ފާހަގަކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!