ކޯވިޑް-19ގެ ހަލަތާއި ގުޅިގެން އާއްމު ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު ދޫކުރަމުންދާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ ކޯވިޑް19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން ދިޔަ ޑޮލަރުގެ ސަޕްލައި ހުއްޓިފައިވީ ނަމަވެސް އެކި ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާކަމަށެވެ.
އެގޮތުން ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ޚާއްސަކޮށްގެން ޑޮލަރު ދޫކުރަމުން ގެންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ގަވަރުނަރު ވަނީ ދައުލަތުގެ ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން، ޑޮލަރު ފެސިލިޓީސްތައް މެދުވެރިކޮށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42ރ ކަމަށް ވިޔަސް، މާލޭގައި ހިންގާ ޑޮލަރު އެކްސްޗޭންޖުތަކުން 15.72ރ. ޑޮލަރު ގަނެ އެވެ. އެކަމަކު ޑޮލަރުގެ ޑިމާންޑް އަނެއްކާވެސް ބޮޑީ ކަޅު ބާޒާރުގަ އެވެ. އެގޮތުން ކަޅު ބާޒާރުގައި 17ރ.-18ރ. އާ ދެމެދުގެ އަގެއްގައި ޑޮލަރު ގަނެ އެވެ.