ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ނޫސް މީޑިއާތަކުން ޚިޔާލު ފާޅުކޮށްފި

ގިނަ އަަދަދެއްގެ މީޑިއާތަކުގެ އެޑިޓޯރިއަލް ފެންވަރުގެ ބޭފުޅުން މިރޭ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މީޑިއާތަކުން ހިޔާލު ފާޅުކޮށްފިއެވެ.

މި ބައްދަލުވުމުގައި ބައެއް ނޫސްތަކުން ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މީޑިއާތަކުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ މީޑިއާތަކާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް އަންގާފައިވާތީ، އެކަމާ ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ސަން މީޑިއާ ގްރޫޕްގެ ޗީފް އެޑިޓަރ ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މީޑިއާތައް ފަހަތަށް ޖައްސާނަމަ އަޑު އުފުލާނެ ކަމަށާއި މީޑިއާތަކަށް ނުފޫޒުފޯރުވަން އުޅޭނަމަ އިހުތިޖާޖު ކުރާނެ ކަމަށެވެ.

ނަމަވެސް އިހުތިޖާޖު ކުރާނީ ސީދާ ހަރަކާތަށް ނުކުމެގެން ނޫން ކަމަށާއި، ނޫސްވެރިކަމުގެ ގަލަން ބޭނުންކޮށްގެން ކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފާހަގަ ކުރި އިތުރު ކަންބޮޑުވުންތަކުގެ ތެރޭގައި، ބައެއް އިދާރާތަކުން މީޑިއާތަކަށް މައުލޫމާތު ހޯދުމަށް ހުރި ދަތިތައް ފާހަގަކޮށްލެވެއެވެ.  އެގޮތުން ދަ-ޕްރެސްގެ އެޑިޓަރ އަލީ ޝައްމާން ވިދާޅުވީ، ބައެއް އިދާރާތަކުން މީޑިއާތަކައި އެކު ވަރަށް ގާތުން މަސައްކަތް ކުރި ނަމަވެސް ބައެއް އިދާރާތަކުން މައުލޫމާތު ހޯދަން އަދިވެސް ވަރަށް ދަތިކަމަށެވެ.

މީގެ އިތުރުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވިދާޅުވީ މިވަގުތު މީޑިއާތައް ތިބީ އުނދަގޫ ހާލަތެއްގައި ކަމަށާއި އެންމެ ބޮޑު ދަތިކަމަކީ ކޮވިޑް-19 އާއި ގުޅިގެން ހުރި ދަތިތައް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި އެކަންތައްތައް ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!