ސަފާރީ ކޭސްގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީ އިސްތިއުފާ ދީފި

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ދެ ފިރިހެނަކުވެގެން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެކުލަވާލި ކޮމިޓީގައި ހިމެނޭ ތިން މެންބަރުން އިސްތިއުފާ ދީފިއެވެ.

އެ ކޮމިޓީގައި ހިމެނޭ ތިން މެންބަރުންނަކީ ކައުންސިލު މެންބަރު އަހުމަދު ނާއިފާއި މެންބަރު އަޒްމީ އަލީ އަދި މެންބަރު މުހައްމަދު ޔާމީން އިބްރާހީމެވެ.

ކޮމިޓީގެ މުގައްރިރު، ދުވަސް ނޫހުގެ ޗީފް އެޑިޓަރު އަޒުމީ އަލީގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވަނީ ކޮމިޓީ އެކުލަވާލައި އެ ކޮމިޓީން ނިންމި ނިންމުމެއް ބަދަލުކުރުމަށް އެމްއެމްސީގެ ރައީސް ހިދާޔަތުﷲ މަސައްކަތް ކުރައްވާ ނުފޫޒު ފޯރުއްވަން މަސައްކަތް ކުރެއްވުމުންނާއި އޭނާއަށް ފޯނުން ގުޅުއްވައި އެ ކޮމިޓީގައި ދެން ތިއްބެވި ދެ މެންބަރުން ކަމަށްވާ އަހުމަދު ނާއިފާއި މުހައްމަދު ޔާމީން އިބްރާހިމްގެ ގޯސް ވާހަކަ ދައްކަވާފައިވުމުން ކަމަށެވެ.

މީގެ އިތުރުން އެހެން މެންބަރުންގެ ގާތުގައި އޭނާގެ އިތުރުން ކޮމިޓީގައި ދެން ތިއްބެވި މެންބަރުންގެ ގޯސް ވާހަކަދައްކަވާ މަސްލަހަތު ނަގައިލަން ހިދާޔަތުﷲ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުވެސް އަޒުމީ ވަނީ ކުރައްވައިފައެވެ. ކޮމިޓީން ދެން އިސްތިއުފާދެއްވި ތިން މެންބަރުން ވެސް ވަނީ ހިދާޔަތުﷲ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކުރައްވައިފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަކީ މީޑިއާތައް ތަމްސީލު ކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން ހޮވާ ހަތް މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް، ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބަލަދުވެރި ފަރާތުގެ ގޮތުގައި އުފައްދާފައި އޮންނަ މުއައްސަސާއެކެވެ.

ސަފާރީގައި ހިނގާ ދިޔަ ޖިންސީ ގޯނާގެ މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލައިގެ މައުލޫމާތު އެއްކުރަން ފެށިއެވެ. އަދި ސަފާރީ ކޭސްގެ ހަބަރުތައް ގެނެސްދިން މިޑިއާތަކުން ހަގީގަތާ ހިލާފު މައުލޫމާތެއް ފެތުރިތޯ ބެލުމަށާއި ހަދާ ގަވައިދަކުން މީޑިއާތައް 2.000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ގޮތް ހެދުމަށް މީޑިއާ ކައުންސިލަށް މި ހިނގާ ޖުލައިމަހުގެ އެއްވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!