މޭގަން މާކްލްގެ ކައިވެނީގެ ހެދުމަށް ކޭޓީ ޕެރީ ފާޑުކީ ކަން އެނގޭތަ؟

2018 ވަނަ އަހަރުގެ މޭ 19 ގައި އޮތް ޝާހީ ކައިވެނީގައި، މިހާރުގެ ‘ޑަޗަސް އޮފް ސަސިކްސް’، މޭގަން މާކްލް ތުރުކުރައްވައިގެން ހުރި ވެޑިން ޑްރެސް އަކީ އާއްމުން ހީކުރި ގޮތަށްވުރެ މާ ސާދާކޮށް ހުރި ހެދުމެކެވެ. އެއާއެކު، އެ ހެދުން ހުތުރު ކަމަށްބުނެ އެއްބަޔަކު ވަނީ އޭރު ގަދަޔަށް ފާޑުވެސް ކިޔައިފައެވެ. ނަމަވެސް މަޝްހޫރު މީހުންގެ ތެރެއިން އެ ހެދުން ކަމުނުދާ ކަމަށް މީޑިއާގައި ފާޅުކޮށް އެއްބަސް ވި ހަމައެކަނި ތަރިއަކީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއެވެ.

ހަމަ އެ އަހަރު ކޭޓީ ބައިވެރިވި “އެންޓަޓެއިންމެންޓް ޓުނައިޓް” ޝޯގެ އެޕިސޯޑުގައި، ޝޯގެ ހޯސްޓު ކުރި ސުވާލަކަށް ޖަވާބުދެމުން ކޭޓީ ވަނީ މޭގަންގެ ޖީވޯންޝީ ވެޑިން ޑްރެސްއާމެދު ދެކޭގޮތް ހާމަކޮށްފައެވެ. “އަހަރެން ނަމަ އަދި އެއްފަހަރު ހެދުން ހެޔޮވަރުކޮށްލާނަން. ހަމަ އެންމެ ފިޓިންގ އެއް”، އޭނާއަކީ ދެކޭގޮތް ސިއްރުކުރާ މީހެއް ނޫންކަމަށްބުނެ ކޭޓީ ބުންޏެވެ. ކޭޓީގެ މި ވާހަކައިން ދޭހަވަނީ، މޭގަންގެ ވެޑިން ޑްރެސް މާ ބޮޑަށް ދޫ ކަމެވެ.

މީގެ އިތުރުން، ޝޯގެ ހޯސްޓު ކުރި އަނެއް ސުވާލަކީ، ‘ޑަޗަސް އޮފް ކެމްބެރިޖް’ ކޭޓް މިޑްލްޓަން 2011 ވަނަ އަހަރު އޮތް ޝާހީ ކައިވެނީގައި ތުރުކުރެއްވި ވެޑިން ޑްރެސް އާ މޭގަންގެ ހެދުން އަޅާކިޔާނަމަ، އެތަނުން ރީތީ ކޮން ހެދުމެއް ތޯއެވެ. މިއަށް ޖަވާބު ދެމުން ކޭޓީ ޕެރީ ބުނީ، ޔަޤީނުންވެސް ކޭޓްގެ ހެދުން މާ ރީތި ކަމަށެވެ. “ތި ސުވާލުން މޮޅުވާނީ ކޭޓް!”، އެއްވެސް ފިކުރެއްނެތި ކޭޓީ ބުންޏެވެ.

ނަމަވެސް، ކޭޓީ ޕެރީ ވަނީ ފަހުން އެ އިންޓަވިއުގައި މޭގަން މާކްލް އާއި ޕްރިންސް ހެރީއަށް ތައުރީފުކޮށްފައެވެ. އަދި މޭގަން އަކީ ވަރަށް ވިސްނޭ، ކާމިޔާބު އަންހެނެއް ކަމަށް ސިފަކޮށްފައިވެއެވެ. މާނައަކީ، މޭގަން އާ ދެކޮޅަށް އެއްވެސް ޒާތީ ހަސަދައެއް ކޭޓީ ޕެރީ ނުގެންގުޅޭ ކަމާއި، ހަމައެކަނި އެ ވެޑިން ޑްރެސް ބަލައިލަން ރީތި ނޫން ކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!