ނީތޫގެ އުފަންދުވަހުގެ ޕާޓީއަށް ކަރަން ޖޯހަރު ދިޔުމުން ފާޑުކިޔުން

ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ބޮލީވުޑުގައި ހުރި އެތައް މައްސަލަތަކެއް ފެންމަތިވެ، ބައެއް ފަންނާނުންނަށް އާއްމުންގެ ނަފްރަތު އަމާޒުވެފައި އޮތްއިރު، އެންމެ ގިނަ ބައެއްގެ އަމާޒަކަށްވީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. އެގޮތުން ކަރަން އަކީ ނެޕޮޓިޒަމް ޕްރޮމޯޓުކުރާ މީހެއް ކަމަށްބުނެ، ސުޝާންތުގެ ފޭނުން އޭނާއަށް ދިމާއަށް ނުކިޔާކަށް އެއްޗެއް ނެތެވެ. އަދި ކަރަންގެ ފިލްމުތައް ވެސް ބޮއިކޮޓު ކުރާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މިފަދަ ފާޑުކިޔުންތަކެއް އަމާޒުވެފައި އޮތުމުން ކަރަން ހުރީ އިންތިހާއަށް ދެރަވެފައި ކަމަށާއި، އޭނާގެ ހިތް ހަލާކުވެފައި ވާ ކަމަށް ކަރަންގެ ވަރަށް ގާތް އެކުވެރިއެއް ވަނީ މީޑިއާތަކަށް ޙަބަރު ދީފައެވެ. އެ އެކުވެރިޔާ ދާދިފަހުން މީޑިއާތަކާ ވާހަކަ ދައްކަމުން ބުނި ކަމަށް ވަނީ، ކަރަން އަށް ކުރިމަތިވަމުން އަންނަ ނަފްރަތުގެ މެސެޖު ތަކުގެ ތެރޭގައި ކަރަންގެ އެއްމާބަނޑު ދެކުދިންނަށް މަރުގެ އިންޒާރުދީފައި ވެސް ހުރި ކަމަށެވެ. އޭގެ ސަބަބުން ކަރަން ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހި ދެރަވެފައި ކަމަށް ބުންޏެވެ. “ކަރަން ހުރީ މީހަކާ ވާހަކަ ދެއްކޭ ހާލަތެއްގައި ވެސް ނޫން. އަހަރެމެން ގުޅީމަ ވެސް ރޮނީ. އަބަދާއި އަބަދު ރޮވިފަ ހުންނަނީ އޭނައަށް”، އެކުވެރިޔާ ކަރަންގެ ހާލަތު ސިފަކޮށްދިނީ މިހެންނެވެ.

ނަމަވެސް، ކަރަންގެ ހާލަތު އެގޮތަށް ސިފަކޮށްދީފައި އޮތްވާ، ކުރީގެ ބަތަލާ ނީތޫ ސިންގް ގެ އުފަންދުވަސް ފާހަގަކުރަން ކަރަން ގޮސް ހުއްޓައި ފެނިގެން، އޭނާއަށް ފާޑުކިޔާ މީހުން އަންނަނީ އިތުރަށް އެއްޗެހި ކިޔަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ނީތޫ ބޭއްވި ޕާޓީގައި ކަރަން ބައިވެރިވެ، މަޖާ ނަގަމުންދާ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.  

އެއާއެކު، މިކަމަށް ފާޑުކިޔަމުން ޓްވިޓާގައި ޙިޔާލު ފާޅުކުރި މީހުން ބުނީ، ކަރަން އަކީ ދޮގުވެރިއެއް ކަމަށާއި، އެއީ ދެމޫނުގެ ވެރިއެއް ކަމަށެވެ. އަދި މިއީ ކުރިންވެސް އެމީހުން ދައްކަމުން އައި ވާހަކައެއް ކަން ފާހަގަކޮށް ބުނީ، މިހާރު އެކަން މާ ބޮޑަށްވެސް ޔަޤީންވެއްޖެ ކަމަށެވެ.

“ފާޑުކިޔުންތަކާހެދި ކަރަން ޖޯހަރު ހިތާމަކުރަމުންދާ ވާހަކަ އަޑުއެހިން. ހާދަ ބޮޑަކަށް ހިތާމަ ކުރާތީއޭ ދޯ ޕާޓީތަކަށް ގޮސް އުޅޭނީ”، އެކަކު ލިޔެފައިވެއެވެ. މީގެ އިތުރުން ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، ފިލްމީ ދާއިރާގައި އުޅޭ މީހުންނަކީ ހުސް އެކްޓު ކުރާ ބައެއް ކަމަށާއި، ކަރަންގެ “ގޭންގުގައި” އުޅޭ އެންމެން އަންފޮލޯ ކުރަން ޖެހޭ ކަމަށެވެ.

ފާޑުކިޔުންތެރިއެއް ކޮށްފައިވާ ޓްވީޓެއް

މި ފާޑުކިޔުންތަކަށް ކަރަން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. ނަމަވެސް ސުޝާންތުގެ މަރާ ގުޅިގެން އޭނާ ކުށްވެރިކޮށް އެއްޗެހި ކިޔާ މީހުން ގިނަވެފައި ވާތީ، ކަރަން ވަނީ ދާދިފަހުން އޭނާގެ ޓްވިޓާ އެކައުންޓުން ފޮލޯ ކުރާ މީހުންގެ އަދަދުވެސް މަދުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!