ނޭނގި ވެސް ހާޓް އެޓޭކް ޖެހޭ!

ކޮންމެ ހާޓް އެޓޭކަކީ މީހާ އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ ވަރުގެ އެޓޭކެއް ނޫނެވެ. މެޔަށް އަރާ އާދައިގެ ތަދެއް ނުވަތަ ނޭވާ ކުރުވުމާއި މީހާ ފިނިވެ ދާހިއްލުމަކީ ވެސް ހާޓް އެޓޭކެއް ޖެހިއްޖެ ކަމުގެ އަލާމާތެއް ކަމަށް ވެދާނެ ކަމަށް އެމެރިކާގައި ކުރި ދިރާސާއެއްގައި ވަނީ ބުނެފަ އެވެ. އެއީ ސައިލެންޓް ހާޓް އެޓޭކެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، ވޭކް ފޮރެސްޓް ބަޕްޓިސްޓް މެޑިކަލް ސެންޓަރުގެ ޑރ. ޒޫ މިންގް ޒަންގް އޭނާގެ ދިރާސާ ރިޕޯޓްގައި ވިދާޅުވެފައި ވަނީ “ސައިލެންޓް ހާޓް އެޓޭކް” ޖެހޭ ގިނަ މީހުން އެކަމާ ގުޅިގެން އެއްވެސް ފަރުވާއެއް ނުހޯދާ ކަމަށެވެ. އެއީ ކަމެއް ވީކަން ވެސް ގިނަފަހަރު ނޭނގޭތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނޭނގި ވެސް ހާޓް އެޓޭކް ޖެހިފައި ހުންނަކަން އެމެރިކާގެ ކާޑިއޮލޮޖިސްޓުންގެ ބެލުންތަކުން އެނގިފައި ވާއިރު އެ ބޭފުޅުންނަށް އެހެން ކަމެއް ވެސް ފާހަގަވެފައިވެ އެވެ. އެއީ މީގެ ސައިލެންޓް ހާޓް އެޓޭކް ގިނައިން ޖެހެނީ ފިރިހެނުންނަށް ކަމެވެ. އެކަމަކު މިފަދަ ހާޓް އެޓޭކްތަކުގައި ގިނައިން މަރުވަނީ އަންހެނުންކަން ވަނީ އެނގިފަ އެވެ. ދިރާސާކުރުމަށް، މެދުއުމުރުގެ 9500 މީހެއްގެ މައުލޫމާތު ވަނީ ވަރަށް ދިގު މުއްދަތަކަށް އެއްކޮށް، ބަލައިފަ އެވެ.

ދިރާސާއިން ދައްކާފައި ވަނީ ހާޓް އެޓޭކެއް ނުޖެހޭ އަންހެނުންނަށް ވުރެ ސައިލެންޓް ހާޓް އެޓޭކް ޖެހޭ އަންހެނުން އަވަހަށް މަރުވުމުގެ ފުރުސަތު 58 ޕަސެންޓް ބޮޑު ކަމަށެވެ. އެކަމަކު ފިރިހެނުންގެ މެދުގައި މި ނިސްބަތަކީ 23 ޕަސެންޓެވެ.

“ހާޓް އެޓޭކް ޖެހޭކަން ވެސް ނޭނގުމުގައި ވަރަށް ގިނަ ސަބަބުތައް ހުރެދާނެ،” ޒަންގް ވިދާޅުވެފައިވެ އެވެ.

ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މެޔަށް ތަދެއް އެރުން ނުވަތަ ނޭވާލާން ދަތިވެ ދާހިއްލުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެއީ އާދައިގެ ކަމެއްގެ ގޮތުގައި ނުބަލާ އަވަހަށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމު ކަމަށެވެ. މިފަދަ އެއްވެސް އަލާމާތެއް އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި ހިތުގެ މައްސަލައެއް ނަމަ އަވަހަށް ފަރުވާ ދޭން ފަށައި ރަނގަޅު ނަތީޖާއެއް ނެރެވޭނީ އަވަހަށް ޑޮކްޓަރަށް ދެއްކުމުންކަން ވަނީ ފާހަގަކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!