ޝާންތީޕުރިޔާ ބޮލީވުޑް ދޫކޮށްލީ ކަޅުކަމަށް ބުނެ އަކްޝޭ މަލާމަތް ކުރުމުން

1990ގެ ކުރީކޮޅު ފިލުމީ ދާއިރާއަށް ނިކުތް ޝާންތީޕުރިޔާ އޭނާގެ ފިލްމު އިންޑަސްޓްރީއާއި ދުރަށްދާންޖެހުނު ސަބަބު ބުނެދީފިއެވެ.

އެވާހަކަތަށް ހިއްސާކޮއްފައިވަނީ ނަވްބާރާތު ޓައިމްސްއަށް އޭނާދިން އިންޓަވިއުއެއްގައެވެ. ހަމުގެ ކުލަ ކަޅު މި އެކްޓެރެސް ފިލްމީ ދާއިރާއަށް ދުރަށް ދިޔައީ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު މަޖަލަކަށް ބުނި ބަސްތަކަކުން ހިތަށް ކުރުވި އަސަރަކުންކަން އޭނާ ހާމަކޮއްފައިވެއެވެ.

ހަމުގެ ކުލަ ކަޅުވުމަކީ ކޮންމެ އަންހެން ކުއްޖަކަށްވެސް އޭރުގަ ކުރިމަތިލާންޖެހޭ ވަރަށްބޮޑު ގޮންޖެހުމެއްކަން ފާހަގަކުރަމުން ޝާންތީޕުރިޔާ ބުނެފައިވަނީ އޭނާއަށް ފިލްމު އިންޑަސްޓްރީގެ އެކި އެކި މީހުންގެ ފަރާތުން ވަރަށް ގިނަފަހަރު މަލާމާތްލިބިފައިވާކަމަށެވެ.

އެހެން ނަމަވެސް ހިތަން އަސަރުކޮށް ފިލްމީ ދާއިރާއާއި ދުރަށް ދިއުމުގެ ވިސްނުން އައީ އަކްޝޭ މަޖަލަކަށްކުރި މަލާމާތުގެ ސަބަބުންކަމަށްބުނެ އެކަން ހިނގާ ދިޔަގޮތް ސާންތީޕުރިޔާ ވަނީ ހިއްސާ ކޮއްފައެވެ.

“ސުގަންދަށްފަހު އަހަރެން އަކްޝޭއާއި އެކު މަސައްކަތްކުރީ އިކޭ ޕެ އިއްކާގަ .އޭގަ އަހަރެންނަށް ކުޅެން ޖެހުނީ ކުރުހެދުންލާ ވަރަށް ތަހުޒީބު އަންހެންކުއްޖެއްގެ ރޯލު. ކުރުހެދުން ލިޔަސް އަހަރެން އެތެރެއިން ސްޓޮކިން ލައްވަން. އަހަރެން ހަނދާން އެބަހުރި އެފިލުމުގެ ޝޫޓިންތެރެއިން އަކްޝޭ އަހަރެންނާ ދިމާއަށްބުނި ބަސްތަށް. އަހަރެންހުރީ ސްޓޮކިން ލައްވައިގެން ކަމަށްވިޔަސް ކަކޫ ކަޅުވީމަ ވަރަށްބޮޑަށް ފައުޅުވާންހުރި. 100 ވަރަކަށް މީހުން އެތަނުގަ އެވަގުތު ތިބޭނެ. އެ އެންމެންގެ ކުރިމަތީގައި އަކްޝޭ ބުނި ” ޝަންތީޕުރިޔާގެ ފައިގަ ލޭ ގުޅައެއް އެބައިން” އެގޮތަށް ވަރަށް ގިނަ ފަހަރު ތަކުރާރުކޮށް ބުނި. އަހަރެންނަކަށް އެކިޔާ އެއްޗެއް ސާފެއް ނުވި. އަހަރެން އެހުމުން ބުނީ “ތިހިރަ ކަކުލެއް ބަލާބަލާށޭ.” އެހިސާބުން އެގުނު އަހަރެންގެ ކަޅު ކަމަށްކަން އެ މަލާމާތްކުރަނީ.” ސާންތީ ޕުރިޔާ އިންޓަވިއުގައި ބުނެފައި ވެއެވެ.

އެދުވަހަށްފަހު އަމިއްލަ ނަފުސުދެކެ ރުޅިއާދެވެން ފެށިކަމަށާއި އަދި އަބަދުވެސް ކަޅު ކުއްޖެއްގެ ގޮތުގައި އުފަންކުރީތީ މަންމަގާތު ޝަކުވާ ކުރެވޭކަމަށް އޭނާ ބުނެފައިވެއެވެ. މުޅި މީހާ ވިސްނުމެއްގެ ތެރެއަށްގޮސް ޑިޕްރެޝަންއާ ކުރިމަތިލާން ޖެހުމުން ފިލުމީ ދާއިރާ ދޫކޮއްލީކަމަށް އޭނާ ހާމަކޮއްފައިވެއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ އަކްޝޭ ވެސް އެހެން ބުނީ އޭނާ ދެރަކޮއްލުމުގެ ނިޔަތުގައި ނޫން ކަމަށާއި އެދުވަސްވަރަކީ އަކްޝޭ ވެސް ބޮޑުވަމުން އަންނަ ދުވަސްވަރަށްވެފައި އެކަކު އަނެއްކަކަށް ޖޯކުޖަހާ މަލާމާތްކުރުން މަޖަލަކަށް ވެފައި އޮތީކަމަށެވެ. އަކްޝޭއަށް އެދުވަހާއި ބަލާއިރު މިއަދު ރަގަނޅު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރަމުން ބުނެފައިވަނީ އަކްޝޭ އަކީ މިއަދު އޭނާގެވެސް ގާތް ރަހުމަތްތެރިއެއްކަމަށެވެ.

އަދި މިއަދު އޭނާ ހުރި މަޤާމު ފެނި އޭނާއަށްޓަކައި އުފާކުރާކަން ފާހަގަކޮށް ޝާންތީޕުރިޔާ ބުނެފައިވަނީ އަކްޝޭއަކީ ޒިންމާދާރު ފިރިއެއް، ބައްޕައެއް،އެކްޓަރެއް، އަދި ރައްޔިތެއްކަމަށެވެ. އަކްޝޭއާއި މެދު ފަހުރުވެރިވާކަން ފާހަގަކުރަމުން ޝާންތިޕުރިޔާ ބުނެފައިވަނީ އޭނާއަލުން ފިލްމީ ދާއިރާއަށް ގެނައުމަށްވެސް އަކްޝޭވަރަށްބޮޑަށް އެހީތެރިވާކަމަށެވެ.

އަދި އިތުރަށް އޭނާ ބުނެފައިވަނީ މިވާހަކަ ކިޔައިދީފައި މިވަނީ އެއްގޮތަކަށްވެސް އަކްޝޭއަށް އެއްޗެއް ބުނުމުގެ ނިޔަތުގައި ނޫންކަމަށެވެ. އެގޮތަށް ނޭނގި ނަމަވެސް މަޖަލަކަށްކުރެވޭ ކަންތަކުގެ ސަބަބުން މީހެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވަފާނެކަން ވިސްނާ ދިނުމަށެވެ. އެފަދަ ކަންތަށް ކުރާ މީހުން އޭނާގެ އެވާހަކައިން އިބުރަތް ހާސިލުކުރމަށްވެސް އޭނާ ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!