ހުޅުމާލޭގައި ހުންނަ ޖިމަކާއި ގުޅުން ހުރި އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލޭގައި ހުރި ޖިމަކާއި ގުޅުން ހުރި އަށް މީހަކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވީ ކޮން ޖިމަކުން ކަމެއް ޑރ.ނަޒްލާ ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ އެޖިމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ކޮންޓެކްޓްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިއަދުގެ އެޗްޕީއޭއިން ބުނީ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ ކަމަށާއި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު 2227 އަށް އަރާފައިވާ ކަމަށެވެ.
ރާއްޖެއިން މިހާރު 2227 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.