ދަރުމަވަންތަ ސްކޫލްގެ މުވައްޒަފަކުވެސް ޕޮޒިޓިވްވެއްޖެ

ދަރުމަވަންތަ ސްކޫލްގެ މުވައްޒަފެއް ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ދަރުމަވަންތަ ސްކޫލްގެ މުވައްޒަފެއް މިއަދު ފެނުނު ޕޮޒިޓިވް ކޭސްގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ހުރަވީ ސްކޫލްގައި މަސައްކަތް ކުރާ ސީނިއާ ސްޓާފެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ކޭސްއާ ގުޅިގެން އެ ސްކޫލްގެ ތިން ސްޓާފެއް ވަނީ ކަރަންޓީން ކޮށްފައެވެ.

ހުރަވީ ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދު ކޮށްފައި ބޭއްވުމަށް ފަހު ހުޅުވާލީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ. ސްކޫލުތައް ހުޅުވާލުމާއެކު މަތީ ގްރޭޑްތަކަށް ކިޔެވުންވެސް ވަނީ ފަށާފައެވެ. މި ދެ ސްކޫލަކީވެސް ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.

މީގެ އިތުރުން މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހަކާއި އައިޖީއެމްއެޗްގެ ނަރުހެއްވެސް ވަނީ ޕޮޒިޓީވްވެފައެވެ. އަދި ބީއެމްއެލްގެ ދެ ސްޓާފުންނާއި ދަރުމަވަންތަ ސްކޫލަގެ މުވައްޒަފަކާއި ރައްޔިތުން މަޖިލީހުގެ ޑްރައިވަރަކާއި ހުޅުމާލެގައި ހުރި ޖިމްއަކާ ގުޅުންހުރި 8 ކޭސެއް ފެނިފައިވާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2227 އަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!