ޑިއުޓީ ކުޑަވާ މުދަލުގެ ލިސްޓުން ދުންފަތުގެ ބާވަތްތައް އުނިކުރަން އިސްލާހެއް ހުށަހަޅައިފި

ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ މުދަލުގައި ހިމެނޭ އާންމު ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، ޑިއުޓީ ކުޑަވާ މުދަލުގެ ލިސްޓުން ދުންފަތުގެ ބާވަތްތައް އުނިކުރަން އިސްލާހެއް ހުށަހަޅައިފި އެވެ.

ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރާއި ސ. ހިތަދޫ ސަހަރައްދީ ބަނދަރަށް ގެންދާ މުދަލުގައި ހިމެނޭ އާންމު ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކުޅުދުއްފުށްޓާއި ހިތަދޫއަށް ފޮނުވާ ތަކެތީގެ ތެރެއިން އިިމްޕޯޓް ޑިއުޓީ މާފު ކޮށްދެވޭ ތަކެތީގެ ލިސްޓު މޯލްޑިވްސް ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ އުސޫލެއް ކަސްޓަމްސް އިން އެކުލަވާލަން ޖެހޭނެ ކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދާއި ދެކުނުގެ ސަރަހައްދުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އުތުރާއި ދެކުނުގެ ބަނދަރުން ޑިއުޓީ ކަނޑާލާ ތަކެތީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތައްޔާރީ ތަކެތި ހިމެނެ އެވެ.

އަދި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އީ-ސިނގިރޭޓް ފަދަ ބާވަތްތައްވެސް ހިމެނެ އެވެ. އެ ދެ ބަނދަރަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 50 ޕަސެންޓު ޑިއުޓީ ކުޑަކުރާއިރު މި ބާވަތްތަކުން މިހާރު 200 ޕަސެންޓު ޑިއުޓީ ނަގަ އެވެ.

އެއާއެކު ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިތުރުން އާއްމުންގެ ގިނަ ބަޔަކު ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ފާޑުކިއުންތަކާ ގުޅިގެން، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް އިއްޔެ ވަނީ ޑިއުޓީ ކުޑަކުރާ ބާވަތްތަކުގެ ތެރޭގައި ދުންފަތާއި އެނާޖީ ޑްރިންކްގެ އިތުރުން ރަލުގެ ބާވަތްތައް ނުހިމެނުމަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!