4900 އަށްވުރެ ގިނަ ކުންފުނި އުވާލައިފި

ސަރުކާރަށް ދައްކަންޖެހޭ އަހަރީ ފީ ނުދައްކައިގެން، 4،900 އަށް ވުރެ ގިނަ ކުންފުނި އިކޮނޮމިކް މިނިސްޓްރީން އުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް ކަނޑައަޅައި، 1979 އިން 2018 ގެ ނިޔަލަށް ޖުމްލަ 6،050 ކުންފުންޏެއް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކުރުމަށްފަހު އެންގުމަށް އެދި، 20 ޖޫން 2019 އިން 3 ޑިސެމްބަރ 2019 އާ ދެމެދު އިއުލާނުކޮށްފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިގޮތުން، މިނިސްޓްރީން ކުރި އިއުލާނުތަކާ ގުޅިގެން، ޖުމްލަ 111 ކުންފުންޏެއް ހިންގުމަށް ބޭނުންވާކަމަށް އެ ކުންފުނިތަކުން އަންގާފައިވެ އެވެ.

މީގެ އިތުރުން، މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން 1،017 ކުންފުންޏަކާގުޅޭ އެކި މައްސަލަތައް ހުށަހަޅާފައިވާކަމަށް އެ އިއުލާނުގައި ބުންޏެވެ.

މިގޮތުން، ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށްފައި ނެތް ކުންފުނިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ މައްސަލަތައް ހުރި ކުންފުނިތަކާއި، އެކި ހިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުއީ ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ކުންފުނިތައް ހިމެނެ އެވެ.

“އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ކުންފުންޏާބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) (3) ގައިވާ ގޮތުގެ މަތިން، ކަމާބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅައިގެނެވެ،” މިނިސްޓްރީން ބުންޏެވެ.

އަދި އިއުލާނުތަކާ ގުޅިގެން، އުވާލުމަށް ރެކޯޑުކުރެވިފައިވާ 6،050 ކުންފުނީގެ ތެރެއިން 4،924 ކުންފުނި އުވާލުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު، އުވާލިކަން އަންގައި، އުވާލި ކުންފުނިތަކުގެ ނަން އާންމުކޮށް ޝާއިއުކުރެވިފައިވާނެކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!