އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ އެއް މުއައްސަސާއަަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި މިއަދު މިނިސްޓްރީ އޮފް ޖެންޑާއާއި ޔުނިސެފް ގުޅިގެން ކޮންސަލްޓޭޝަން ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާއިޥަތު މުހައްމަދު ދީދީ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތައް ހުއްޓުވުމަކީ އެކަނި އެއް މުއައްސަސާއަަކަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އެގޮތުން މުޖުތަމައުގެ އަފްރާދުންނާއި ޖަމިއަޔާތަކުންނާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތައް އެކުއެކީގައި މަސައްކަތް ކޮށްގެން މެނުއީ ނުހުއްޓުވޭނެ ކަމެއް ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތައް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ. ހަމައެއާއެކު މި ނިޒާމްގައި ހުރި ބާގަނޑުތައް ދެނެގަނެ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމަކަށް ދިމާއަށް ދިއުމަށްޓަކައި މަސައްކަތް ކުރުމާއި އެފަދަ އަނިޔާތައް ލިބޭ ފަރާތްތައް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.