އދ. މާމިގިލީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ މެޝިނަކުން އެއަރޕޯރޓް ހިމެނޭ ސަރަޙައްދުގައި މިއަދު، ޚިދުމަތްދޭން ފަށައިފިއެވެ.
މި އޮޓޮމެޓިކް ޓެލަރ މެޝިންގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމުގައި ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަރިއަހުގައި ބޭންކްއޮފް މޯލްޑިވްސްގެ އދ. އަތޮޅު ގޮފީގެ ޓެކްނިކަލްޓީމާއި އެކު މާމިގިލި ކައުންސިލްގެ ރައީސް ޢަބުދުﷲ މުފީދާއި ނައިބުރައީސް ޝިހާމް މުޙައްމަދުގެ އިތުރުން ކައުންސިލް މެމްބަރު މުޙައްމަދު ޝަހުރަމް ވަނީ ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މާމިގިލީގައި މިބެހެއްޓުނު އޭޓީއެމް މެޝިނަކީ އިލެކްޓްރޯނިކް ޒަރީޢާއިން ފައިސާ ފޮނުވުމާއި އެކައުންޓުތަކަށް ޖަމާކުރުމުގެ އިތުރުން ނަޤުދު ފައިސާވެސް ޖަމާކޮށް ނެގޭ މެޝިނެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި މެޝިނުން 20 ރުފިޔާއިން ފެށިގެން 500 ރުފިޔާގެ ނޫޓުތައް ނަގާ ޖަމާކުރެވޭނެ ކަމަށްވެސް ބީއެމްއެލްއިންވަނީ މަޢުލޫމާތު ދީފައެވެ.
ވީމީޑިއާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސްއިން އެއަރޕޯރޓެއްގައި އެންމެ ފަހުން ބެހެއްޓި އޭޓީއެމް މެޝިނެވެ. މީގެ ކުރީން ބީއެމްއެލްއިންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެއަރޕޯރޓުތަކުގައި އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފައެވެ. އަދި މިހާރު މާފަރު ފިޔަވައި ހުރިހާ އެއަރޕޯރޓަކުން މި ޚިދުމަތް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.
މާމިގިލީގައި އެއަރޕޯރޓެއް ހުޅުވުނީއްސުރެ އެރަށުގެ ކައުންސިލުން ވަނީ ބޭންކުތަކުގެ ޚިދުމަތް އެރަށުން ލިބޭނެ ގޮތް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ އެރަށުގައި ހުޅުވުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮތްޕެކެވެ. ނަމަވެސް 2014 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން އެކި ރަށްރަށުގައި ކޭޝް އޭޖެންޓުން ޤާއިމް ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި މާމިގިލީގައިވެސް ވަނީ އެފަދަ ފިހާރައަކުން ޚިދުމަތްދޭން ފަށައިފައެވެ.
މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުޙައްމަދު ވިދާޅުވީ މާމިގިލީގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދިއުމަކީ އެރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.