ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް، މިއަދު ޓުއަރިޒަމް މިނިސްޓަރު ކަމުން ވަކި ކުރި އަލީ ވަހީދަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަންގައިފިއެވެ.
ގާސިމް މިގޮތަށް އަންގާފައި ވަނީ، އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް އެ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓިގެ އޮފިޝަލަކު ވިދާޅުވީ، އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް ފޮނުވި މެސެޖްއަކުން، ގާސިމް އަންގާފައިވާ ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީ ގެ އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވީ ރޭގެ ވަގުތެއްގައެވެ.
ނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދީފައެއް ނުވެއެވެ.
އެންމެ ފަހުން ރައީސް ވަނީ މިއަދު އަލީ ވަހީދު މަގާމުން ވަކިކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެދުވެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަ ވާނެ ކަމަށް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.